އިންޑިއާގެ އެއާލައިން، އިންޑިގޯއިން މާލެ އާއި ބެންގަލޫރާ ދެމެދު ދަތުރުތައް ފަށައިފިއެވެ.

އިންޑިގޯއިން މި ދަތުރުތައް ފެށުމާއެކު ކޮންމެ ދުވަހަކު ބެންގަލޫރަށް ޑައިރެކްޓު ފްލައިޓެއް އޮންނާނެއެވެ. މިއީ އެ އެއާލައިނުން ރާއްޖެއާ އިންޑިއާ ދެމެދު ދަތުރު ފަށާ ހަތަރުވަނަ މަންޒިލެވެ. އެ އާލައިނުން މިހާރުވެސް މުމްބާއީއަށް ދުވާލަކު ދަތުރެއް ކުރަމުން އަންނައިރު ދިއްލީ އާއި ކޮޗިންއަށް ހަފުތާއަކު ހަތަރު ދަތުރު ކުރެއެވެ.

ކޮވޑް-19ގެ ސަބަބުން އިންޑިގޯއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ވަނީ މަދުކޮށްފަ އެވެ. ނަމަވެސް އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމާ ގުޅިގެން އެ އެއާލައިނުންވެސް އަންނަނީ ދަތުރުތައް އިތުރުކުރަމުންނެވެ.

އިންޑިއާ އަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޭސް ފަރުވާއަށް ދާ ގައުމެކެވެ. ހާއްސަކޮށް ބެންގަލޫރަކީ ބޭސް ފަރުވާގެ އިތުރުން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތައުލީމު ހާސިލް ކުރުމަށް ވެސް ދާ ސިޓީ އެކެވެ. މި ކަންތައްތަކަށް ރިއާޔަތްކޮށް އިންޑިގޯ އިން ވަނީ ބޭސް ފަރުވާއަށް ދަތުރުކުރާ މީހުންނަށް ހާއްސަ މެޑިކަލް ފެއާއެއް ވެސް ކަނޑައަޅައިފައެވެ. އާސަންދައިގެ ދަށުން ރާއްޖެއިން ބޭސް ފަރުވާއަށް ދާ މީހުންނަށް ވެސް މި ފެއާ ލިބޭނެއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ދަތުރުތައް ކުރަމުން އަންނަނީ "ޓްރެވަލް ބަބުލް"ގެ ދަށުންނެވެ. އެހެންކަމުން އިންޑިއާއިން ރާއްޖެ އަންނަ މީހުން އަދި ރާއްޖެއިން އެ ގައުމަށް ދާ މީހުން ކަރަންޓީނުވާކަށް ނުޖެހެއެވެ. ނަމަވެސް ރާއްޖޭގައި ދެވަނަ ފަހަރަށް ކޮވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެން ބޭރުން އަންނަ ޓޫރިސްޓުން ފިޔަވައި އެހެން އެންމެން 10 ދުވަހު ކަރަންޓީން ވާން ޖެހޭގޮތަށް ވަގުތީގޮތުން ވަނީ ބަދަލުކޮށްފައެވެ.

Ad
rt