ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ (ނ.ޢ..ޢ.ވ) ލަޤަބް އަރުވައިފައިވާ ހެންވޭރު ޒޮނޭރިއާ އިބްރާހީމް ރަޝީދު (ކަރަންކާ ރަޝީދު) މިއަދު މެންދުރުފަހުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.

އެމަނިކުފާނު އަވަހާރަވީ މާލޭގައެވެ. އަވަހާރަވީއިރު ރަޝީދުގެ އުމުރުފުޅަކީ 92 އަހަރުފުޅެވެ. އެމަނިކުފާނު 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ.

Ad
rt

ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއާއި ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ.

ރަޝީދު ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ޚިދްމަތްކުރައްވައި، ޤައުމީ ޚިދްމަތުގައި އެކި މަރުޙަލާތައް ރަޝީދު ވަނީ ކަޑައްތު ކުރައްވާފައެވެ.

އިބްރާހީމް ރަޝީދު އަދާކުރެއްވި ސަރުކާރުގެ އިސް މަޤާމުތައް:

  • މާބަނޑޭރި އޮފީހުގެ ރަދުންގެ ކާތިބުއްސިއްރުކަން
  • ވުޒާރަތުއް ދާޚިލިއްޔާގެ ވަޒީރުގެ ނައިބުކަން
  • ވުޒާރަތުލް މަޢާރިފުގެ ނައިބުކަން
  • ވަޒީރުލްއަޢުޡަމްގެ ޚާއްޞަ ސެކްރެޓަރީކަން
  • ވަޒީރުލްއަޢުޡަމްގެ ނައިބުކަން
  • މިނިސްޓަރ އޮފް ހެލްތު ކަމުގެ މަޤާމު
  • މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަޤާމު
  • ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަޤާމު
  • ރައްޔިތުންގެ މަޖިލީހުގެ ޒަޢީމްކަން
  • ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަން

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އެމަނިކުފާނަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ.

އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން، ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެވުނު ޤައުމީ ޖިހާދުގައި ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ އަރިހުގައި ރަޝީދު ވަނީ އެންމެ އިސްދައުރެއް އަދާކުރަށްވާފަ އެވެ.

1962 ވަނަ އަހަރު ވޯރާވިޔަފާރިވެރިންގެ އިޤްތިޞާދީ އަޅުވެތިކަމުން، ރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބޮޑުވަޒީރު ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ކުރެއްވި ޤައުމީ މަސައްކަތްޕުޅުތަކާއި، ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ތަޢްލީމުދޭން ފެށުމާއި، ގަވަރންމަންޓް ހޮސްޕިޓަލް ހުޅުވުމާއި، އަތޮޅުތަކުގައި ޞިއްޙީ މަރުކަޒު ހުޅުވުމާއި، އެއަރޕޯޓް ބިނާކުރުމާއި، ދަތުރުފަތުރާއި މުވާޞަލާތުގެ ރޮނގުތަކުން އެދުވަސްވަރު ޤައުމަށް އައި ހުރިހާ ތަރައްޤީއަކާއި ކުރިއެރުމެއްގައި ޢަމަލީގޮތުން އެންމެ ޙިކުމަތްތެރި ހީވާގި ދައުރެއް އަދާކުރެއްވި ހިންގުންތެރިއަކީ، އިބްރާހީމް ރަޝީދެވެ.

ސިޔާސީ، އިޖުތިމާޢީ، އިޤްތިޞާދީ ދާއިރާތަކުން، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގެ 11 އަހަރު ދުވަހާއި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ހުރިހާ ކުރިއެރުންތަކާއި، ޤައުމީ ތަރައްޤީއަށްޓަކައި ކުރެވުނު ބޮޑެތި ހުރިހާ މަސައްކަތްތަކެއްގައި އިބްރާހީމް ރަޝީދަކީ، އެންމެ ޢަމަލީ، އެންމެ ހިންގުންތެރިންގެ ތެރެއިންވެސް އިސްވެރިއެކެވެ.

އިބްރާހީމް ރަޝީދު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.