ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ލެވަންޓޭ ބައްދަލު ކުރި މެޗުން ރެއާލް ބަލިވެ އެ ޓީމް ލީގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ލެވަންޓޭއިންނެވެ.

Ad
rt

މެޗުގެ ނުވަވަނަ މިނެޓުގައި ރެއާލްގެ ބްރެޒިލް ޑިފެންޑަރ އެޑަރ މިލިޓާއޯއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ލެވަންޓޭގެ ފޯވާޑް ސާޖިއޯ ލެއޮންއަށް ރެއާލްގެ އޭރިއާގެ މަތިން ހުސްކޮށް ލިބުނު ބޯޅަ ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ފައުލްވުމާއި ގުޅިގެން މިލިޓާއޯއަށް ރެފްރީ ފުރަތަމަ ދައްކާފައިވަނީ ރީނދޫ ކާޑެކެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ބެލުމަށް ފަހު ރެފްރީ ވަނީ އެ ކާޑު ރަތް ކާޑަކަށް ބަދަލުކޮށްފައެވެ. މެޗުގެ ބޮޑުބައި ރެއާލުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ރެއާލްގެ ކޯޗް ޒިދާން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވުމުން މި މެޗުގައި އެ ޓީމަށް އިރުޝާދު ދީފައިވަނީ އެސިސްޓެންޓް ކޯޗެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ރެއާލުންނެވެ. މި ލަނޑު ޓޯނީ ކުރޫޒްގެ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ އެސެންސިއޯއެވެ. ނަމަވެސް ހާފް ނިމުމުގެ ކުރިން ލެވަންޓޭއިން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް މޮރާލެސްއެވެ.

ރެއާލުން އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ލެވަންޓޭއިން ވަނީ މެޗު ކޮންޓްރޯލް އަތުލައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައެވެ. ލެވަންޓޭއަށް 63 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބި ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. އެ ޓީމްގެ ފޯވާޑް ރޮޖަރ މާޓި ފޮނުވާލި ޕެނަލްޓީ، މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެއާލްގެ ކީޕަރު ވަނީ ހުޝިޔާރު ކަމާއިއެކު ދިފާއު ކޮށްފައެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން ލަނޑު ޖަހައި މެޗުން ތިން ޕޮއިންޓް ލެވަންޓޭއިން ވަނީ ކަށަވަރު ކޮށްފައެވެ. ލެވަންޓޭ މެޗުން މޮޅުވި ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޕެނަލްޓީ މިސް ކޮށްލި ކުޅުންތެރިޔާ ރޮޖަރ މާޓިއެވެ.

ރެއާލް މެޑްރިޑް މިވަގުތު ލީގުގެ ދެވަނާގައި އޮތީ އެ ޓީމް ލީގުގައި ކުޅުނު 20 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއްވަނާގައި މިވަގުތު އެތުލެޓިކޯ މެޑްރިޑް އޮތީ އެ ޓީމް ލީގުގައި ކުޅުނު 18 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން މޮޅުވި ލެވަންޓޭ މިވަގުތު އޮތީ އެ ޓީމް ލީގުގައި ކުޅުނު 20 މެޗުން ލިބުނު 26 ޕޮއިންޓާއި އެކު ޕޮއިންޓް ތާވަލުގެ 9 ވަނާގައެވެ.