މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ރ. އުނގޫފާރު ސްކޫލްގެ ދަރިވަރުން ކުޅުމަށް ބޭނުންކުރާ ބިން އެއްވަރުކޮށް، ރީތިކޮށްލަދީފިއެވެ.

މިއީ އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކޮށްދީފައިވާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad
rt

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، ރ. އުނގޫފާރު ސްކޫލްގެ ދަރިވަރުން ކުޅެން އޮންނަ 95 ފޫޓު 55 ފޫޓުގެ ސަރަޙައްދެއް ލެވެލްކޮށް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް 29 ޖެނުއަރީ 2021 ވަނަ ދުވަހު ނިންމާލާފައި ވާކަމަށެވެ.

އެ ކުންފުނިން މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް ވަނީ، އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެ އަތޮޅު ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައެވެ.

އެމްޓީސީއަކީ ސަރުކާރުން ހިންގަވާ އެންމެގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުންދާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިން މިހާރުވެސް ދަނީ އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ބިންހިއްކުމުގެ މަސައްކަތްތަކާއި، މަގު ހެދުމުގެ މަޝްރޫޢުތަކާއި އަދި އިމާރާތް ކުރުންފަދަ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ ހިންގަމުންނެވެ.