އަނެއްކާވެސް ކޯވިޑް-19 ފެތުރުން އިތުރުވެފައިވާތީއާއި ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީންގައި ބައިތިއްބަން ޖެހުމާއި ގުޅިގެން ހޮސްޕިޓަލުންދޭ ޚިދުމަތްތަކަށް 30 ޖެނުއަރީ އިން ފެށިގެން ބަދަލުތަކެއް ގެނައުމަށް ނިންމައިފި އެވެ.
އެގޮތުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަންތައް އޮންލައިންކޮށް ދިނުމަށް ބަދަލުކުރުމާއި، އިލެކްޓިވް ސާޖަރީތައް މިވަގުތު މެދުކަނޑާލުމާއި، ބަލިމީހުން އެޑްމިޓްކުރުން މިވަގުތު މެދުކަނޑާލުމުގެ އިތުރުން އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރާތްކުރުން ހުއްޓާލުން ހިމެނެއެވެ.
އޭޑީކޭއިން ބުނެފައިވަނީ މި ބަދަލުތަކާއި އެކުވެސް ހޮސްޕިޓަލުގެ އެމަޖެންސީ ހިދުމަތްތަކާއި، އިމަޖެންސީގައި އެޑްމިޓްކޮށްގެން ދޭންޖެހޭ ހިދުމަތްތަކާއި، ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިއަށްދާނޭ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ)އިން ފަރުވާ ހޯދި ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ހޮސްޕިޓަލްގެ އެޗްޑީޔޫ ވަނީ މިމަހު 25 ގައި ބަންދުކޮށްފައެވެ.
އޭޑީކޭއިން އިލްތިމާސްކުރަނީ ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ދެއްވުމަށެވެ. އެގޮތުން ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިޔުމާއި އަދި ދާން ޖެހިއްޖެ ހާލަތެއްގައިވެސް އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ.
އޭގެއިތުރުން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައި ގިނަ ގިނަގިނައިން ސެނިޓައިޒް ކުރުމަށް އޭޑީކޭއިން އިލްތިމާސްކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!