އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ޓޮޓެންހަމް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

ޓޮޓެންހަމްގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

މިއީ ލީގުގައި މި އަހަރު ލިވަޕޫލަށް ހޯދުނު ފުރަތަމަ މޮޅެވެ. އަދި އެ ޓީމަށް ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ލަނޑެއް ވެސް ކާމިޔާބު ކުރެވިފައި ނުވެއެވެ.

މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ލިވަޕޫލުންނެވެ. މިގޮތުން އެ ޓީމުން ވަނީ ޓޮޓެންހަމްގެ ގޯލާއި އަމާޒުކޮށް ހަތް ހަމަލާއެއް ފޮނުވާލާފައެވެ. ޓޮޓެންހަމްގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމަށް ލިވަޕޫލުގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ދެ ހަމަލާއެވެ.

މެޗު ފަށައިގެން ތިނަވަނަ މިނެޓުގައި ލިބުނު ފުރުޞަތެއްގައި ޓޮޓެންހަމްގެ ފޯވާޑް ސޮން ހުއެން-މިން ލަނޑެ ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ބެލުމަށްފަހު އެ ލަނޑު ވަނީ އޮފްސައިޑް ލަނޑެއް ކަމަށް ކަނޑައަޅާފައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި ހަތަރު މިނެޓުގެ ތެރޭގައި ސަޑިއޯ މަނޭ ޓޮޓެންހަމްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ޖައްސާލައިގެން މި ލަނޑު ކާމިޔާބު ކޮށްދީފައިވަނޯ ލިވަޕޫލްގެ ބްރެޒިލް ފޯވާޑް ފިރްމީނޯއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފުގައި ފަޔަށް ލިބުނު އަނިޔާޣެ ސަބަބުން ދެވަނަ ހާފަށް ޓޮޓެންހަމް ނުކުމެފައިވަނީ އެ ޓީމްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ނުލައެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ އިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ 2-0 އަށް ބަދަލު ކޮށްލާފައެވެ. ޓޮޓެންހަމްގެ އޭރިއާގެ ތެރޭގައި ހުރެ މަނޭ ފޮނުވާލު ބާރު ބޯޅަ ޓޮޓެންހަމްގެ ކީޕަރު ލޮރިސް އަތުގައި ޖެހިފައި ނުކުތް ވަގުތު އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އިތުބާރު ޑިފެންޑަރ އެލެކްސަންޑަރ އާނޯލްޑްއެވެ.

ލިވަޕޫލުން ދެ ލަނޑުގެ ލީޑެއް ނެގިތާ ދެ މިނެޓް ފަހުން ޓޮޓެންހަމް އިން ވަނީ އެ ލަނޑުޖަހައި ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޕިއެރޭ-އެމީލް ހޮއިބިއޭއެވެ. މެޗުގެ 65 ވަނަ މިނެޓުގައި ލިވަޕޫލުން އެ ޓީމްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައިވާއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އާނޯލްޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސަޑިއޯ މަނޭއެވެ.

ލިވަޕޫލު މިވަގުތު ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައި އޮތީ 20 މެޗުން ލިބުނު 37 ޕޮއިންޓާއި އެކުގައެވެ. މެޗުން ބަލިވި ޓޮޓެނަހަމް މިވަގުތު އެ ޓީމް ލީގުގައި ކުޅުނު 19 މެޗުން ލިބުނު 33 ޕޮއިންޓާއިއެކު އޮތީ ޕޮއިންޓް ތާވަލުގެ ހަވަނާގައެވެ.