އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރިމެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ޔުނައިޓެޑުން ނަގާލައިފިއެވެ.
މެންޗެސްޓާގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުން ޝެފީލްޑް އަތުން ޔުނައިޓެޑް ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޝެފީލްޑުންނެވެ. މި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޯން ފްލެކް ނަގައިދިން ކޯނަރަކުން އެ ޓީމްގެ އިނގިރޭސި ޑިފެންޑަރ ކީން ބްރަޔަންއެވެ. މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ޝެފީލްޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ޓީމް ކުރިއަށް ޖައްސައި ޝެފީލްޑްއަށް ބާރު ބޮޑު ކޮށްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 64 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ލިބުނު ކޯނަރެއް ބޮލުންޖަހައި ގޯލަށް ވައްދާލައިގެން ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ކެޕްޓަން ހެރީ މެގުއާއެވެ. ނަމަވެސް މެޗު ނިމުމުގެ ކުރިން ޝެފީލްޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އޮލިވަރ ބާކްއެވެ.
މި މެޗުން މޮޅުވި ނަމަވެސް ޝެފީލްޑް އަދިވެސް އޮތީ ޕޮއިންޓް ތާވަލުގެ ފުލުގައެވެ. އެ ޓީމަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. އެ ޓީމަށް ލީގުގައި މިހާތަނަށް ކުޅުނު ވިހި މެޗުން ހޯދިފައިވަނީ އެންމެ ދެ މޮޅެވެ. އެ ޓީމް މޮޅުވެފައިވަނީ ޔުނައިޓެޑް އަތުންނާއި ނިއުކާސަލް އަތުންނެވެ.
މި މެޗުން މޮޅުވެގެން އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ޔުނައިޓެޑަށް އޮތް ނަމަވެސް، މި މެޗުން ބަލިވުމުން އެ ޓީމް އޮތީ މިވަގުތު 20 މެޗުން ލިބުނު 40 ޕޮއިންޓާއިއެކު ތާވަލުގެ ދެ ވަނާގައެވެ. އެއްވަނާގައި އޮތީ 19 މެޗުން 41 ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ސިޓީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!