ދުނިޔޭގެ އެންމެ އާބާދީބޮޑު ޗައިނާއިން އެގައުމުގެ 22.8 މިލިއަން މީހުންނަށް ކޯވިޑް-19 ވެކްސިން ދީފިއެވެ.

ޗައިނާގެ ހެލްތު ދާއިރާގެ އޮފިޝަލުންނާއި ހަވާލާދީ ބައިނަލް އަގްވާމީ ނޫސް އެޖެންސީ ''ރޮއިޓާސް''އިން ބުނީ ކުރިއަށް އޮތް ފެބްރުއަރީ މަހު ފެށޭ އެގައުމުގެ އާ އަހަރުގެ ބަންދާއި ދިމާކޮށް، ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް އެގައުމުގެ ސަރުކާރުންވަނީ ފަށާފަވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެގައުމުގެ 22.8 މިލިއަން މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވާ ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

Ad
rt

1,406,240,960 މީހުންގެ އާބާދީއެއް އޮންނަ ޗައިނާއިން އަންނަނީ އެ ގައުމުގެ އާބާދީގެ ވަކި ގްރޫޕްތަކަކަށް އަމާޒުކޮށް، މިދިޔަ ޑިސެމްބަރުމަހުގެ މެދުތެރެއިން ފެށިގެން ވެކްސިން ދިނުމުގެ ސްކީމެއް ހިންގަމުންނެވެ.

މިގޮތުން ގައުމުގެ އާ އަހަރުގެ ބަންދާއި ދިމާކޮށް ގައުމު ތެރޭގެ ހަލަބޮލިކަން އިތުރުވެ، މީހުން ގައުމުގެ ތެރޭ ދަތުރުފަތުރުކުރުން އިންތިހާއަށް އިތުރުވެގެން ދާނެތީއާއިއެކު ވެކްސިން ދިނުމުގައި، ހައި ރިސްކް ގްރޫޕްތައް ފާހަގަކޮށް އެ ފަދަ މީހުންނަށްވެސް މިހާރު ގެންދަނީ ވެކްސިން ދެމުންނެވެ.

މީގެ އިތުރުން ސިއްހީ ޚިދުމަތްތެރިންނާއި، ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކާއި، ގައުމުން ބޭރަށް ވަޒީފާއަށްދާ މީހުންނާއި ކިޔަވާކުދިންނަކީ ވެކްސިން ދިނުމުގައި އެގައުމުން އިސްކަންދޭ ފަރާތްތައް ގޮތުގައި މިފަހަރު ކަނޑައަޅާފައިވާ ފަރާތްތަކެވެ.

ޗައިނާ ސަރުކާރުގެ ސްޓޭޓް މީޑިއާ، ގްލޯބަލް ޓައިމްސްއިން މިމަހު ބުނެފައިވާ ގޮތުން އެ ގައުމުން މަސައްކަތް ކުރަމުން ގެންދަނީ، އައު އަހަރުގެ ބަންދު އައުމުގެކުރިން 50 މިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ.

އެ ގައުމުގައި ވެކްސިން ދިނުމުގެ ކަންކަން ވަރަށް އޮމާންކަމާއިއެކު ކުރިއަށްދާ ކަމަށް، ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ވައިސް ޑިރެކްޓަރ ޒެންގް ޔިޝިން ވިދާޅުވެފައިވާއިރު، ޗައިނާއިން އެގައުމުގެ ރައްޔިތުންނަށް ދެމުންގެންދަނީ ޗައިނާގެ ކުންފުނިތަކުން ތަރައްގީކޮށް އުފައްދާފައިވާ ވެކްސިންތަކެވެ.

ޗައިނާގެ ބައެއް ކުންފުނިތަކުން އުފެއްދި ވެކްސިން އެ ގައުމުގެ މަސައްކަތްތެރިންނާއި، ހައިރިސްކް ގްރޫޕްތަކުގެ މީހުންނަށް މިދިޔަ އަހަރުގެ ޖުލައިމަހުން ފެށިގެން ދެމުން އަންނަ ކަމަށް ކުރިން ވަނީ އެ ގައުމުން ބުނެފައެވެ. ނަމަވެސް ޗައިނާގެ ކުންފުނިތަކުން ތަރައްގީކޮށް އުފެއްދި ވެކްސިންތަކުގެ ތެރެއިން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ޗައިނާގެ ނޭޝަނަލް މެޑިކަލް ޕްރޮޑަކްޓްސް އެޑްމިނިސްޓްރޭޝަނުން މިހާތަނަށް ދީފައިވަނީ އެ ގައުމުގެ ސިނޮފާރމްއިން އުފެއްދި ކޯވިޑް-19 ވެކްސިން އަށެވެ.