މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއިން، އިންޓަނެޓުގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުޑަ ކުދިންނަށް ޚާއްޞަކޮށްގެން ކުރެހުމުގެ މުބާރާތެއް ފަށައިފިއެވެ.

މިމުބާރާތަކީ އަންނަ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ "ސޭފަރ އިންޓަނެޓް" ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.

Ad
rt

ތީމެއްގެ ގޮތުގައި ''އިންޓަނެޓްގެ ރައްކާތެރިކަން'' ކަނޑައަޅާފައިވާ މި މުބާރާތުގައި ކުރެހުންތައް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، 4 ފެބުރުއަރީ 2021 ގެ ނިޔަލަށް މި މުބާރާތަށް ކުރެހުންތައް ހުށަހެޅުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

މުބާރާތުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިން ވީހާވެސް ބޮޑަށް އިންޓަނެޓުގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުންކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މި މުބާރާތަކީ ކުރެހުމެއްގެ ޒަރިއްޔާއިން ރައްކާތެރި އިންޓަނެޓް މުހިއްމުކަން އެކުދިންނަށް ދެނެގަނެވި، އިންޓަނެޓުގައި މިހާރު ކުޑަ ކުދިންނަށް ދިމާވާ އެކި ކަހަލަ މައްސަލަތަކާއި، ލިބޭ ގެއްލުންތަކާއި، މިފަދަ މުހިއްމު ކަންކަން އެކުދިން އަމިއްލަޔަށް ދެނެގަތުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށްވެސް އެ މިނިސްޓްރީއިން ބުނެއެވެ.

މި ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވެނީ 3 އުމުރުފުރާއެއްގެ ކުދިންނަށެވެ. އެ އުމުރުފުރާ ތަކަކީ 7 އަހަރުން ދަށުގެ ކުދިންނާއި، 7 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށާއި އަދި 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށެވެ.

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ކުރެހުމުގެ ފޮޓޯއެއް ނެންގެވުމަށްފަހު ކޮމިއުނިކޭޝަން ނިސްޓްރީއިން ފޯރުކޮށްދީފައިވާ އޮންލައިން ފޯމަށް ގޫގުލް އެކައުންޓު މެދުވެރިކޮށް ލޮގިން ކުރުމަށްފަހު، އޭގައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ކުރެހުން އެއަށް އަޕްލޯޑު ކުރެވޭނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާގޮތަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ހުށަހެޅޭ ކުރެހުންތައް ޖަޖުކުރާނީ ކޮމިއުނިކޭޝަން މިނިސްޓްރީއިން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މުބާރާތުން ވަނަ ހާސިލުކުރާ ކުދިން އިއުލާން ކުރެވޭނީ 9 ފެބުރުއަރީ 2021 ވާ ހޮނިހިރު ދުވަހުގެ ރޭ އެ ނިސްޓްރީއިން ސޭފަރ އިންޓަރނެޓް ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.