ައިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ އާއި، އެޕާޓީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ދެ ބޭފުޅުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅުން މިއަދު މާލޭ ސިޓީގައި ކުރަމުން ދިޔަ އިހުތިޖާޖުގެ ތެރެއިން ދަރުބާގޭ ސަރަޙައްދުންނެވެ.
އެ އިހުތިޖާޖުގައި ބައިވެރިވި، އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް ތަމްސީލް ކުރަށްވާ ކައުންސިލް މެންބަރަކު ''ތިލަދުން''އަށް ވިދާޅުވީ، އެ ދެބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހެލްތު މިނިސްޓްރީ ކުރިމަތީ އިހުތިޖާޖު ކުރުމަށްފަހު، ދަރުބާރުގޭ ސަރަޙައްދަށް ގޮސް އިހުތިޖާޖު ކުރަމުން ދަނިކޮށް ކަމަށެވެ.
''އަޅުގަނޑުމެން މިއަދު އަޑު އުފުލަމުން މިދަނީ އިންޑިއާއިން ރާއްޖެ ގެނައި، ކޯވިޑް ވެކްޝިން ރައްކާތެރިކަން ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަށް އެދި''
ކައުންސިލް މެންބަރު ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު ވެސް އިދިކޮޅުން ހުރި މުޒާހަރާއެއްގެ ތެރެއިން އެދެބޭފުޅުން ހައްޔަރުކުރި އެވެ.
އިދިކޮޅު ކޯލިޝަނުން ކޯވިޑް19އިން ރައްކާތެރިވުމަށް އިންޑިއާއިން ހަދިޔާ ކުރި ވެކްސިންއާ ގުޅޭ މައުލޫމާތުތައް ހާމަކަން ބޮޑު ގޮތެއްގައި ހާމަކުރުމަށް ގޮވާލައި ވެރިރަށް މާލޭގައި އިހުތިޖާޖުކުރިއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ޖަނަވަރީ 20ވީ ބުދަ ދުވަހު އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ، ވެކްސިން ފޯމިއުލާއާއި އެއްގޮތަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާ ސަރުކާރުން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.
ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފެއްދި ކޮވިޝީލްޑް ވެކްސިންއަކީ ކްލިނިކަލް ޓްރަޔަލް ގެ އެންމެ ފަހު މަރުހަލާ ކަޑައްތުކޮށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ހުއްދަ ހޯދުމުގެ މަގުމަތީގައިވާ ވެކްސިންއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!