މާލޭގައި ދިރިއުޅެން ދަތިވާ އާއިލާތައް، ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާކަމަށާއި ޖެންޑަރ މިނިސްޓްރީއިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޑރ.އައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ މިހެން ވިދާޅުވީ ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑް-19 ގެ މިހާލަތުގައި ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުން އަންނައިރު މިހާލަތުގައި އަމިއްލަ ރަށައް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ.
އެހީއަށް ބޭނުންވާ ފަރާތްތަކުން 1421 މެދުވެރިކޮށް އެހީއަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފަ
މިނިސްޓަރގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ކޯވިޑް-19 ގެ މިހާލަތުގައި ދަތިތަކާ ކުރިމަތިވެގެން މާލޭގައި ދިރިއުޅެމުންދިޔަ ގިނަ އާއިލާތަކެއް ވަނީ މާލެ ދޫކޮށް އެނބުރި ވަޒަނަށް ހިޖުރަކޮށްފަ އެވެ. މީގެ ކުރިންވެސް ޖެންޑަރ މިނިސްޓްރީއިން އައި އެފަދަ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން މާލޭގައި މަގުމަތިވެފައި ތިބި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ފޯރުވައިދިނުމުގައިވެސް ގެންދަނީ އެހީތެރިވަމުންނެވެ.
މީގެ އިތުރުން ކޯވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ކެއަރ ޕެކޭޖު ފޮނުވުމުގެ މަސައްކަތްވެސް ޖެންޑަރ މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!