ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
މިއަދު ކުރިއަށްދިޔަ އީސީގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވުމަށްޓަކައި، އިންތިހާބު ބާއްވާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އިންތިހާބުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
އެ ގާނޫނުގައިވާ ގޮތުން ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެ އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް ކަމަށް އެ ގާނޫނުގައި ބުނެފައި ވެއެވެ.
2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ފުރަތަމަ ޢިއުލާންކުރި ލޯކަލް ކައުންސިލް އިންތިހާބަށް 2،400 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޖުމްލަ 1،817 ކެނޑިޑޭޓުން ކުރިމަތިލިއެވެ. އޭގެ ފަހުން އެކިފަހަރު މަތިން ފަސްކޮށްފައިވާ އެ އިންތިޚާބުގައި ވާދަކުރަން ކުރިމަތިލި ގިނަ ކެނޑިޓުން ތަކެއް ދަނީ ނަން އަނބުރާ ނަގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!