ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލަށް ގެނެސްފައިވާ އާ ބަދަލަކީ ހަމައެކަނި މުވައްޒަފުންގެ ސަލާމުގެ ޗުއްޓީއަށް ގެނައި ބަދަލެއްކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ސިޔާސީ މުވައްޒަފުން ސަރުކާރާ ޚިޔާލު ތަފާތުވިޔަސް އެ ޚިޔާލު ފާޅު ނުކުރެވޭ ގޮތަށް، ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް އާ އުސޫލެއް ހަދާފައިވާ ކަމަށް ދޭހަވާ ގޮތަށް މީޑއާތަކުން ގެނަސްދީފައިވާ ޚަބަރުތަކަކީ، އެ ޚަބަރު ގެނެސްދިން މީޑިއާތަކަށް އަރާފައިވާ އޮޅުމެއްކަން ފާހަގަކުރަށްވާ ކަމަށެވެ.

Ad
rt

"ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަކީ 2012 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޢަމަލުކުރަމުންދާ އުސޫލެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި އިއްޔެ މިއުސޫލު އަލުން ޝާއިޢުކޮށްފައިވަނީ މިއުސޫލުގެ 9 ވަނަ މާއްދާގެ (ހ) ގެ (15) ވަނަ ނަންބަރަށް ގެނެވުނު ބަދަލަކާ ގުޅިގެންކަމަށާއި، މިއީ މި އުސޫލަށް ގެނެވުނު 10 ވަނަ އިޞްލާހް ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

''ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލަށް މިގެނެނުވުނު އާ ބަދަލަކީ ހަމައެކަނި މުވައްޒަފުންގެ ސަލާމުގެ ޗުއްޓީއަށް ގެނެވިފައިވާ ބަދަލެކެވެ. މިބަދަލާއެކު ސަލާމުގެ ޗުއްޓީގެ 30 ދުވަހުގެ ތެރެއިން މެޑިކަލް ސެޓްފިކެޓެއް ނެތި ސަލާމުގެ ގޮތުގައި ދެވޭނީ 15 ދުވަހެވެ.''

ރައީސް އޮފީހުން ވިދާޅުވިއެވެ.

މިބަދަލަކީ ވަޒީފާއާ ބެހޭ ޤާނޫނަށް 6 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނާއެކު، ވަޒީފާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާ (ސަލާމުގެ ޗުއްޓީ) އަށް ގެނެވުނު ބަދަލާ އެއްގޮތްވާ ގޮތުގެ މަތިން މިއުސޫލަށް ގެނެވިފައިވާ ބަދަލެއް ކަމަށް ވެސް އެ އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މީގެކުރިން ރައީސުލުޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ އުޞޫލަށް ވެސް މިބަދަލު ގެނެސްފައިވާ ކަމަށެވެ.