ހުޅުމާލެއިން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ނޫސްތަކަށް މަޢުލޫމާތު ދެމުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ކ. ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލުން ކަމަށެވެ. މިސަފާރީ އަކީ "ނައުޓިލަސް ވަން" ނަމަކަށް ކިޔާ ސަފާރީއެއް ކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.

Ad
rt

އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވީ މި ސަފާރީގައި ތިބީ 5 ދިވެހިންނާއި ބިދޭސީއެއް ކަމަށެވެ. މިމީހުންނަކީ އެސަފާރީގެ ފަޅުވެރިންކަމަށާއި މިމީހުން މިހާރުތިބީ ޑައިވިން ދޯނީގައި ކަމަށް މަޢުލޫމާރު ދެއްވި އެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމަށް އަދި ރިޕޯޓް ލިބިފައިނުވާކަމަށްވެސް މަޢުލޫމާތު ދެއްވި އެވެ.

އެމްއެންޑީއެފުން ބުނީ ސަފާރީގައި ރޯވެގެން ހަބަރު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ ލޯންޗެއް އަލިފާން ނިއްވުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާން ނިއްވަން މަސައްކަތް ކުރަމުންދަނިކޮށް 6:44 ހާއިރު، ސަފާރީ އަޑިއަށް ގޮސްފައިވާ ކަމަށެވެ.

"ނައުޓިލަސް ވަން" އަކީ ހަނިމާދޫއަށް ނިސްބަތްވާ މީހެއްގެ ސަފާރީއެކެވެ.