ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި އެލްޗޭ ބައްދަލުކުރު މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ބާސެލޯނާއިން ޖެހިލައިފިއެވެ. އެލްޗޭގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ބާސެލޯނާއިން މެޗުގައި ކާމިޔާބު ކުރި ފުރަތަމަ ލަނަޑު ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ މިޑްފީލްޑަރ ފްރޭންކް ޑި ޖޮންއެވެ. މި ލަނޑު ޑި ޖޮން ކާމިޔާބު ކޮށްފައިވަނީ އެލްޗޭގެ ގޯލް ކުރިމައްޗަށް ހުރަސްވި ބޯޅަ ކުލިއަ ކޮށްލުމަށް އެ ޓީމްގެ ޑިފެންޑަރ ޑިއެގޯ ގޮންޒާލެޒް އުޅުމުގެ ތެރޭގައި، ގޮންޒާލެޒްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަންނަން ދިޔަވަގުތު، އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ސަބަބުން އެލްޗޭގެ ފޯވާޑް އެމިލިއާނޯ ރިގޯނިއަށް ވަނީ ހުސް ފުރުޞަތެއް ލިބިގެން ގޮސްފައެވެ. ރިގޯނި ހުސްކޮށް ބޯޅަ ހިފައިގެން ގޮސް ފޮނުވާލި ބޯޅަ ބާސާގެ ކީޕަރ ވަނީ ހުޝިޔާރުކަމާއިއެކު ދިފާއު ކޮށްފައެވެ. މެޗުގައި ބާސާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އެ ޓީމްގެ ޒުވާން މިޑްފީލްޑަރ ޕުއިގްއެވެ. ޕުއިގް މި ލަނޑު ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލާފައިވަނީ ޑި ޖޮން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށެވެ. މިއީ ޕުއިގް ބާސާގެ ސީނިއާ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
ބާސާ މިވަގުތު ޕޮއިންޓް ތާވަލުގެ ތިންވަނާގައި އޮތީ އެ ޓީމް ލީގުގައި ކުޅުނު 19 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއްވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތްއިރު ދެވަނާގައި އޮތީ ރެއާލް މެޑްރިޑެވެ. މެޗުންބަލިވި އެލްޗޭ އޮތީ އެ ޓީމް ލީގިގައި ކުޅުނު 20 މެޗުން ލިބުނު 19 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ 16 ވަނާގައެވެ. އެލްޗޭ އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން އެ ޓީމަށް އެންމެ މެޗަކުން ވެސް މޮޅުވެވިފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!