އިޓާލިއަން ސީރިއާ އޭގައި ޔުވެންޓަސް އާއި ބޮލޯނިއާ ބައްދަލު ކުރިމެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ.
އާދީއްތަ ދުވަހުގެ ހަވީރު ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މުޅިމެޗުގައި ވެސް ޔުވެންޓަސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ލަނޑުޖަހައި ލީޑް ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ، އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލް މިޑްފީލްޑަރ އާތުރް މެލޯއެވެ. މިއީ ބާސެލޯނާއިން 82 މިލިއަން ޔޫރޯއަށް ޔުވެންޓަސްއާއި ގުޅުނު އާތުރް އެ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
ޔުވެންޓަސް އިން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ އެމެރިކާގެ މިޑްފީލްޑަރ ވެސްޓަން މެކެނީއެވެ. މި ލަނޑު މެކެނީ ކާމިޔާބު ކޮށްފައިވަނީ ކުއަޑާޑޯ ނަގައިދިން ކޯނަރެއް ބޮލުންޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މިއީ މެކެނީ ޔުވެންޓަސްއަށް ކުޅެދިން 21 މެޗުގައި ޖެހި ހަތަރުވަނަ ލަނޑެވެ. ޖަރުމަނުގެ ޝާލްކޭއިން ޔުވެންޓަސްއާއި ގުޅުނު މެކެނީ މި ސީޒަންގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ޔުވެންޓަސް މި މެޗުން މޮޅުވެ، މިވަގުތު ލީގުގެ އެއްވަނާގައި އޮތް އޭސީ މިލާން އެ ޓީމް އެންމެ ފަހުން ކުޅުނު މެޗު އެތުލާންޓާ އަތުން ބަލިވެފައިވުމުން، އެ ޓީމާއި ޔުވެންޓަސްއާއި ދެމެދު އޮތް ފަރަގުވަނީ ހަތް ޕޮއިންޓަށް ކުޑަވެފައެވެ. ލީގުގައި ޔުވެންޓަސް ކުޅުނު 18 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް މިލާނަށް ލިބިފައިވަނީ 19 މެޗުން 43 ޕޮއިންޓެވެ. މެޗުން ބަލިވި ބޮލޯނިއާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 13 ވަނާގައެވެ. އެ ޓީމަށް ލިބިފައިވަނީ 19 މެޗުން 20 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!