ކައުންސިލްތައް ބާރުވެރިވާ ތަން ފެނުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ހއ. ހޯރަފުށީން ފަތުފުރުވެރިކަމަށް ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ބިންތަކެއް ބީލަމަށް ހުޅުވާލުމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ކުރެއްވި ޓުވީޓެއް ހިމަނުއްވާ، އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.

Ad
rt

މިނިސްޓަރު ވިދާޅުވީ، ރައީސް ޞާލިޙަކީ ދުރުވިސްނޭ ހިކުމަތްތެރި ލީޑަރެއް ކަމަށާއި، އެމަނިކުފާނު ގެންދަވަނީ ކައުންސިލްތަކަށް ބާރުތައް ދޫކޮށް، ވެރިކަން ހިންގުމުގެ ނިޒާމު ފުރިހަމަގޮތުގައި ލާމަރުކަޒު ކުރަމުން ކަމަށެވެ.

ކައުންސިލްތައް ބާރުވެރިވާ ތަން ފެނުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއިރު، ހއ. ހޯރަފުށީގައި ގެސްޓުހައުސް ތަރައްގީކޮށް ހިންގަން ހޯރަފުށީ ކައުންސިލުން އިއްޔެ ވަނީ 7 ބިމެއް ވަނީ ބީލަމަށް ހުޅުވާލާފައެވެ.

ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެ ބިންތަކާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ އޮންލައިން ބައްދަލުވުމުގައި ބައިވެރިވާން ފެބްރުއަރީ 1 ވަނަ ދުވަހުގެ 14:00ގެ ކުރިން ހޯރަފުށީ ކައުންސިލަށް އީމެއިލް ކުރައްވަން ޖެހެއެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ ފެބްރުއަރީ 3 ވަނަ ދުވަހުގެ 13:00 ގައެވެ. އަދި ބިޑު ހުށަހަޅުއްވަން ޖެހެނީ ފެބްރުއަރީ 18 ވަނަ ދުވަހުގެ 13:00 އަށެވެ.

ހޯރަފުށީ ޓޫރިޒަމް ޒޯނުން ބިންތަކެއް ބީލަމަށް ހުޅުވާލުމާއިގުޅިގެން މައުލޫމާތު ހިއްސާކުރަށްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު އިއްޔެ ''ތިލަދުން''އަށް ވިދާޅުވީ، ޓޫރިޒަމަށް ބިން ދޫކުރުމަކީ ގިނަ މަރުހަލާތަކެއް ކަޑައްތުކޮށް، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ވަރަށް ގިނަ ލިޔެކިޔުން ބަދަލުކުރެވި، ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައި ވަނީ، އެ މަސައްކަތުގެ ކާމިޔާބާއި ހަމައަށް ވާސިލްވެވުނީ ހޯރަފުށީ ތަމްސީލް ކުރަށްވާ، އެ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ)ގެ ވަރަށް ބޮޑު މަދަދުވެރި ކަމާއިއެކު ސައްލެގެ ފަންނީ އަދި އެހެނިހެން އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި އޭނާ ވަނީ އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ރާއިދު ދެއްވި ފަންނީ އެހީތެރިކަމާއި، ޓޫރިޒަމް ނިސްޓަރު ޑރ. މައުސޫމާއި، އެ މިނިސްޓްރީގެ މުވައްޒަފުން ދެއްވި އެހީތެރިކަން ވެސް ފާހަގަކޮށްފައެވެ.