ކޯވިޑް19ގެ މިޙާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޚާއްސަ އުސޫލެއް ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅައިފިކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.
ފޮރިން މިނިސްޓްރީއިން ބުނީ، ކޮވިޑްގެ ޚާއްސަ ޙާލަތާއި ގުޅިގެން ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި، ސަޢޫދީ ޢަރަބިއްޔާ އަދި އެހެނިހެން ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސަޢޫދީގެ ޚާރިޖީ ވަޒީރާއި އަދި ސަޢޫދީ ސަރުކާރާއެކު މަޝްވަރާތައް ކުރައްވާފަކަމަށެވެ.
ކޯވިޑުގެ ހާލަތުގައި ދިވެހިރާއްޖޭގެ ރައްޔިތުން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލެއް ވަނީ އެކުލަވާލާފަ އެވެ.
އެގޮތުން އެއުސޫލުގައި ބުނެފައިވާ ކަންކަމަކީ، ޢުމްރާގެ އަޅުކަން އަދާކުރުމަށް އޮންނަ އުޞޫލުތަކާއި އެއްގޮތަށް، މުޤައްދަޞް ދެ ޙަރަމުން ކުރެ ޙަރަމަށް ޢުމްރާގެ އަޅުކަމަށް ނުވަތަ ޒިޔާރަތަކަށްވެސް، ދިޔުމުގެ ކުރިން ކުރިއެކޭވެސް އެއްގޮތައް އަމަލުކުރަމުން އަންނަ އުސޫލުން އުމްރާ ގްރޫޕް/ޓްރެވަލް އެޖެންޓް މެދުވެރިކޮށް ރިޒަވޭޝަން ހައްދަން ޖެހޭނެކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ހުއްދަ ދެވިފައިވާ ލެބޯޓަރީއަކުން ހައްދާފައިވާ، ސަޢުދީ ޢަރަބިއްޔާއަށް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ކޯވިޑް-19 އަށް ނައްސި ޓެސްޓް ސެޓިފިކެޓެއް އޮންނަންޖެހޭނެކަމަށާއި ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތަށް ހުއްދަދީފައިވާ ދަތުރުގެ ޕްރޮގްރާމާ އެއްގޮތްވާ އެއާލައިން ރިޒަވޭޝަނެއް އޮންނަން ޖެހޭނެކަމަށް ބުނެފައިވެއެވެ.
ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށްފަހު، ޢުމްރާގެ އަޅުކަން އަދާކުރާ ފަރާތެއް ހުންނަން ހަމަޖެހިފައިވާ ހޮޓަލުގައި 3 ދުވަހަށް ކަރަންޓީނުވާންޖެހޭނެކަމަށް ވެސް
އެއުސޫލުގައި ވެއެވެ.
ެއަދި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުގެ ޤަވާއިދުގައިވާގޮތުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މި ޙާއްސަ ހާލަތުގައި ހުއްދަ ދެވޭނީ އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ ފަރާތްތަކަށްކަމަށް ބުނެފައިވެއެވެ.
މި އުސޫލުގެ އެންމެ ފަހުގެ ނުކުތާގައި ބުނެފައިވަނީ ޢުމްރާގެ އަޅުކަން އަދާކުރުމަށް ޒިޔާރަތްކުރާ ފަރާތްތަކުން، ސަޢުދީ ޢަރަބިއްޔާއަށް އެތެރެވާ ވަގުތުން ފަށައިގެން އެނބުރި ޤައުމަށް ދެވެންދެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލު ކުރުމުގައި ޙާއްސަ ސަމާލުކަމެއް ދޭންޖެހޭނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!