މިއަހަރުތެރޭގައި ކުމުންދޫގައި ޕޮލިސް ޕޯސްޓްއެއް ގާއިމްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް ހދ. ކުމުންދޫ ކައުންސިލުން ބުނެފި އެވެ.
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު ހޯމްމިނިސްޓްރީއަށް އެރަށުގައި ޕޮލިސް ޕޯސްޓްއެއް ގާއިމް ކުރުމަށް އެދިފައިވާނެކަމަށާއި އެގޮތުން ކައުންސިލުން ވެދެވެންހުރި އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށެވެ. އެއާއިއެކު މިއަހަރު ޕޮލިސް ޕޯސްޓް އަޅަން ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ކުމުންދޫ ހިމެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން މިހާރު އެކައުންސިލްއަށް އަންގާފައިވާކަމަށްވެސް އަމީން ވިދާޅުވި އެވެ.
މިކަމާއި ގުޅޭގޮތުން، ހދ. މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުމުންދޫގައި ޕޮލިހުންގެ ހިދުމަތް ލިބިގެން ދިއުމަކީ އެރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުންނާއި، އަދި ރަށުގައި ގާއިމް ވެފައިވާ ސަރުކާރުގެ އެކި އެކި މުއައްސަސާތަކާއި އަދި ރަށު ކައުންސިލްވެސް ނުހަނު ބޭނުންވެފައި ވާ ކަމެއްކަމަށެވެ.
2021 ގައި ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމް ކުރަން ނިންމެވީތީ ސަރުކާރަށާއި އަދި ހޯމް މިނިސްޓްރީ އަށް ކުމުންދޫގެ ލޮބުވެތި ރައްޔިތުންނާއި އަޅުގަނޑުގެ ފަރާތުން އިޚްލާސްތެރި ޝުކުރު ދަންނަވަމެވެ.
މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެފައިވެ އެވެ.
ކުމުންދޫ އަކީ 1476 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މިފަހުން އެރަށު ޒުވާނުންގެ އިސްނެގުމުގެ މަތިން އެރަށުގައި ތަރައްޤީކުރެވިގެން ދިޔަ ނޭޗާޕާކާއިއެކު އެރަށަށް ޒިޔާރަތް ކުރާ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!