2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 57،599 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ 20 ދުވަހު ރާއްޖެއަށް 57،599 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ހުސްވި 2020 ވަނަ އަހަރުގެ ފުރަތަމަ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރީ 112،282 ފަތުރުވެރިންނެވެ.
މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 13،880 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން 10،623 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ. އަދި ތިނަވަނައަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޔުކްރެއިންއިން ވަނީ 5020 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.
މިއަހަރުގެ ފުރަތަމަ ދުވަހުންފެށިގެން އެމަހުގެ 18 ވަނަ ދުވަހުގެ ނިޔަަލަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އެމިރޭޓްސްއިން ނެވެ. މި ގޮތުން އެމިރޭޓްސްގެ 134 ފްލައިޓެއްގައި 11،504 ފަތުރުވެރިން އެ މުއްދަތުގައި ވަނީ ރާއްޖެ އައިސްފައެވެ. އެ މުއަދަތުގައި ދެނ އެންމެ ގިނަ ފަތުރުވެރިން އައީ ރާއްޖެއަށް 126 ފްލައިޓެއް އެޅި ގަތަރު އެއާވޭސްއިންނެވެ. އެ އެއާލައިން އިން 6951 ފަތުރުވެރިން ވަނީ އައިސްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 594 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 142 ރިސޯޓަކާއި، 11 ހޮޓެލް އަދި 134 ސަފާރީގެ އިތުރުން 307 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 42،776 ބެޑް ކެޕޭސިޓީއެވެ. އަދި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ ތެރެއިން ބެޑް ކެޕޭސިޓީ އެންމެެެ ގިނައީ ރިސޯޓުތަކުގައެވެ. ރިސޯޓުގަކުގެ ބެޑް ކެޕޭސިޓީއަކީ 32،930 އެވެ.
މިއަހަރު 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު، މިދިޔަ އަހަރު ރާއްޖެ ވަނީ 555،399 ފަތުރުވެރިން ޒިޔާރަތް ކޮށްފަ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ބަންދުކުރުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި 2020 ވަނަ އަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓްހައުސްތައް 2020 ވަނަ އަހަރުގެ އޮކްޓޫބަރު 15 ގައި ވަނީ ހުޅުވާލާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!