އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލިވަޕޫލް އަމިއްލަ ދަނޑުގައި ލީގު މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑް ނިމުމަކަށް އައިސްފިއެވެ.

ލިވަޕޫލް ލީގު މެޗަކުން އަމިއްލަ ދަނޑު ކަމުގައިވާ އެންފީލްޑްގައި ބަލިނުވާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އެ ޓީމް އެންމެ ފަހުން ލީގު މެޗަކުން އަމިއްލަ ދަނޑުގައި ބަލިވެފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ފާއިތުވެ ދިޔަ ދިގު މުއްދަތުގައި ލީގު މެޗެއްގައި އަމިއްލަ ދަނޑުގައި ލިވަޕޫލުން ބަލިނުވެ ވަނީ 68 މެޗު ހަމަކޮށްފައެވެ.

Ad
rt

އެންފީލްޑްގައި ކުޅުނު މި މެޗު ބާންލީއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ލިވަޕޫލަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބިފައެވެ. ހާއްސަ ގޮތެއްގައި އެ ޓީމްގެ ފޯވާޑް އޮރީގީއަށް ލިބުނު ހުސް ފުރުޞަތު ފާހަގަ ކޮށްލެވެއެވެ. ބާންލީގެ ޑިފެންޑަރ ބެންމީ ފަހަތަށް ކީޕަރަށް ކުޅުނު ބޯޅަ ލިބިފައުވަނީ ލިވަޕޫލްގެ ފޯވާޑް އޮރީގީއަށެވެ. އޮރީގީ ބޯޅަ ހިފައިގެން ހުސްކޮށް ގޮސް ފޮނުވާލި ބޯޅަ އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑިއާއެވެ.

ދެވަނަ ހާފުގައި ވެސް ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން މި މެޗު ބެންޗުން ފެށި ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ޞަލާހް ވެސް ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ކުޅެން އަރުވައި ގިނަ ހަމަލާތަކެއް ބާންލީގެ ގޯލަށް އަމާޒު ކޮށްފައެވެ. ނަމަވެސް ލިބުނު ފުރުޞަތު ތަކުގެ ބޭނުން ލިވަޕޫލަށް ހިފިފައި ނުވެއެވެ. މި މެޗުގައި ބާންލީ މޮޅުވި ލަނޑު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އިނގިރޭސި ފޯވާޑް ބާންސްއެވެ.

މި މެޗުން ބަލިވުމުން ލިވަޕޫލް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ޔުނައިޓެޑަށް ވުރެ ހަ ޕޮއިންޓް ފަހަތަށް ވެއްޓިފައެވެ. ލިވަޕޫލް މިވަގުތު އެ ޓީމް ލީގުގައި ކުޅުނު 19 މެޗުން ލިބުނު 34 ޕޮއިންޓާއިއެކު ހަތަރު ވަނާގައެވެ. މި މެޗުން މޮޅުވި ބާންލީ އޮތީ އެ ޓީމް ލީގުގައި ކުޅުނު 18 މެޗުން ލިބުނު 19 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ 16 ވަނާގައެވެ.