އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުއްޤައްޔޫމް ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް އިއްވައި، އެމަނިކުފާނުގެ މައްޗަށް އެ މައްސަލާގައި ކްރައިމިނަލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.
އެ ހުކުމް ދަމަހައްޓާފައި ވަނީ މިއަދު ހައިކޯޓުން ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލިސްގައެވެ.
މި މައްސަލާގައި ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ފަސްއަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހުށައެޅީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ހައިކޯޓަށް ބަލައިގަތީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ 75 އިސްތިއުފާ ނުކުތާއެއް ފާހަގަކޮށްފަ އެވެ.
މިއަދުއޮތް އެމައްސަލައިގެ ހުކުމް އިއްވާ ޝަރީއަތުގެ މަޖިލިސްގައި، ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމް ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވީ، އެ މައްސަލަ ބައްލަވައި، ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދުގެ އިއްތިފާގުންނެވެ.
މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށުން، ''މއ. ކާމިނީހުޅަނގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް'' ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000.00 (ފަސްމިލިއަން ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އެ އަންގައި، ކްރިމިނަލް ކޯޓުން ޙުކުމް ކުރީ 28 ނޮވެންބަރު 2019 ގައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!