ިއިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ލެސްޓާ ސިޓީއާއި ޗެލްސީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލެސްޓާ ސިޓީ ޖެހިލައިފިއެވެ.

ލެސްޓާގެ ކޮންގް ޕަވަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލެސްޓާ ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާއިން ވަނީ ލަނޑު ޖަހާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ލެސްޓާއަށް ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ނައިޖޭރިއާ މިޑްފީލްޑަރ ވިލްފްރެޑް އިންޑިޑީއެވެ. މި ލަނޑޫ އޭނާ ކާމިޔާބު ކޮށްފައިވަނީ އިނގިރޭސި މިޑްފީލްޑަރ ބާންސް އޭރިއާގެ މައްޗަށް ހުރސްކޮށްދިން ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

ލެސްޓާއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ދެވަނަ ލަނޑު 41 ވަނަ މިނެޓުގައި އޯލްބްރައިޓަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްފައިވަނީ ޖޭމްސް މެޑަޝަންއެވެ.

ފަހަކަށް އައިސް ދަށް ނަތީޖާތަކެއް ނެރެމުންދާ ޗެލްސީއަށް އެ ޓީމް އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ކާމިޔާބު ކުރެވިފައިވަނީ އެންމެ ދެ މެޗެވެ. ނެރެމުންދާ ދަށް ނަތީޖާތަކާއިއެކު އަވަސްއަވަހަށް ކޯޗުން ބަދަލު ކުރުމުގެ ސަގާފަތެއް އޮންނަ ޗެލްސީގެ މިހާރުގެ ކޯޗް ފްރޭން ލަމްޕާޑްގެ ކުރިމަގާއިމެދު ވަނީ ސުވާލު އުފެދިފައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ލެސްޓާވަނީ ޕޮއިންޓް ތާވަލުގެ އެއް ވަނައަށް ޖެހިލާފައެވެ. މިވަގުތު ލެސްޓާ އެއްވަނާގައި އޮތީ 19 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 18 މެޗުން 37 ޕޮއިންޓެވެ. މި މެޗުން ބަލިވި ޗެލްސީ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ އަށް ވަނާގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.