އަދާލަތު ޕާޓީ (އޭޕީ)ގެ މިހާރުގެ ވެސް ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް އާ ދައުރަކަށް ކުރިމަތި ލައްވައިފިއެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތުގެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް މިނިސްޓަރު އިމްރާން ކުރިމަތިލެއްވިކަން ހާމަކުރެއްވީ ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

"މި ގޮތަށް ނިންމީ، ގައުމުގެ ހާލަތު ހުރި ގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދިއުމުގައި އަޅުގަނޑުގެ ދައުރު މުހިއްމު ކަމަށް ޕާޓީގެ ގިނަ މެންބަރުން ފާހަގަ ކުރައްވާތީ،"

އިމްރާން ވިދާޅުވި އެވެ.

އޭޕީގެ ރައީސް ކަމުގެ މަގާމަށް އިތުރު ދައުރަކަށް އިމްރާން ކުރިމަތިލެއްވިއިރު، އެ ޕާޓީން ވަނީ އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް އަންހެނުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު އިސްލާޙްކޮށް، ރައީސް އާއި ނާއިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައި، އެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފައެވެ.

އަދާލަތު ޕާޓީގެ އިސްމަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑު ހަމަވާނީ، މިއަދު މެންދުރު 2:00އަށެވެ. އިންތިހާބު އޮތީ މިމަހު 30 ވަނަ ދުވަހު އެވެ.

މިފަހަރު އެ ޕާޓީން ބާއްވާ އެ ޕާޓީގެ ރިޔާސީ އިންތިޚާބުގައި ރައީސްގެ އިތުރުން ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅުން އިންތިހާބުކުރާނެ އެވެ. ނަމަވެސް އިމްރާން ފިޔަވައި، އެ ޕާޓީގެ އިސް މަގާމަކަށް ވާދަކުރަށްވާ އެއްވެސް ބޭފުޅެއްގެ ނަން މިހާތަނަށް އަދި ތިލަވެފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އުފެދުނުތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަދާލަތު ޕާޓީގައި މިވަގުތު 6،600 އެއްހާ މެންބަރުން އެބަތިއްބެވެ.