އިޓާލިއަން ސީރިއާ އޭ ގައި އޭސީ މިލާނާއި ކަލިއާރީ ބައްދަލު ކުރި މެޗުގައި މިލާންގެ ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗް ޖެހި ދެ ލަނޑުން މިލާން މޮޅުވެ އެ ޓީމަށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތިން ޕޮއިންޓަށް ލީޑެއް ލިބިއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ކަލިއާރީގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި މިލާނުން ވަނީ ވަރަށް ކުރީކޮޅު ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗުގެ 7 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އިތުބާރު ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗެވެ. މި ޕެނަލްޓީ ލިބިފައިވަނީ ކަލިއާރީގެ އޭރިއާގެ ތެރެއިން އިބްރަހިމޮވިޗަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މިލާނުން މެޗުގެ ދެވަނަ ހާފުގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ 52 ވަނަ މިނެޓުގައި މިލާންގެ ޑިފެންޑަރ ކަލްބްރިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ދެވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން އިބްރަހިމޮވިޗެވެ. މި މެޗުގައި ޖެހި ދެ ލަނޑާއިއެކު މި ސީޒަނުގެ މިހާތަނަށް އިބްރަހިމޮވިޗް ޖެހި ލަނޑުގެ އަދަދު ވަނީ 13 އަށް އަރާފައެވެ.
މިލާން މި ވަގުތު އެ ޓީމް ލީގުގައި ކުޅުނު 18 މެޗުން ލިބުނ 43 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި އޮތީ ދެވަނާގައި އޮތް އިންޓަ މިލާނަށް ވުރެ އިތުރަށް ތިން ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވި ކަލިއާރީ އެ ޓީމް ލީގުގައި ކުޅުނު 18 މެޗުން ލިބުނު 14 ޕޮއިންޓާއުއެކު އޮތީ ތާވަލުގެ 17 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!