ސްޕެނިޝް ސްޕަރ ކަޕްގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ބާސެލޯނާ ބަލިކުރުމަށް ފަހު އެ މުބާރާތުގެ ޗެމްޕިއަންކަން އެތުލެޓިކް ބިލްބާއޯއިން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ބާސެލޯނާގެ މައްޗަށް ބިލްބާއޯއިން ކުރިހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

Ad
rt

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައިވަނީ ބާސެލޯނާއިންނެވެ. މި ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފްރާންސް ފޯވާޑް ގްރީޒްމަންއެވެ. ބާސާއިން ލަނޑު ޖެހިތާ ދެ މިންޓް ފަހުން ބިލްބާއޯއިން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 42 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ބިލްބާއޯގެ ސްޕެއިން މިޑްފީލްޑަރ ޑި މާކޯސްއެވެ. ފުރަތަމަ ހާފު ނިމިގެ ގޮސްފައިވަނީ ދެ ޓީމް އެއްވަރު ވެގެންނެވެ.

މެޗުގައި ދެވަނަ ފަހަރަށް ބާސާއިން ލީޑް ނަގާފައިވަނީ 77 ވަނަ މިނެޓުގައެވެ. މި ލަނޑު ޖޯޑީ އަލަބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ލަނޑު ވެސް ބާސާއަށް ކާމިޔާބު ކޮށްދިން ގްރީޒްމަންއެވެ. މި ލަނޑާއިއެކު ބާސާއިން މެޗުން މޮޅުވެދާނެ ކަމަށް ޤަބޫލް ކުރެވުނެވެ. ނަމަވެސް ބިލްބާއޯއިން ވަނީ މެޗުގެ އެންމެ ފަހު މިނެޓްގައި ލަނޑުޖަހައި ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ވިޔަލިބްރޭއެވެ.

މެޗު ބިލްބާއޯ އިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ކާމިޔާބު ކުރި ލަނޑުންނެވެ. މި ލަނޑު އިތުރު ވަގުތުގެ 3 ވަނަ މިނެޓްގައޮ އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އިނާކީ ވިލިއަމްސްއެވެ.

މި މެޗުގައި ބާސެލޯނާގެ ކެޕްޓަން ލައިނޮލް މެސީއަށް ވަނީ ރަތްކާޑް ދައްކާފައެވެ. މެސީއަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް ބިލްބާއޯގެ ވިޔަލިބްރޭއަށް އަތުން ހަމަލާދިނުމުންނެވެ. ބޯޅަނެތިސް މެސީ ހަމަލާ ދިނުމުން މެޗްގެ ރެފްރީ ވަނީ އެކަން ހިނގާދިޔަގޮތް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު މެސީއަށް 120 ވަނަ މިނެޓުގައި ސީދާ ރަތްކާޑެއް ދައްކާފައެވެ. މިއީ ބާސެލޯނާއަށް ކުޅުނު މެޗެއްގައި މެސީއަށް ރަތްކާޑް ދެއްކި ފުރަތަމަ ފަހަރެވެ.