މިިދިޔަ އަހަރުގެ ތެރޭގައި ޒަހަރު ދީގެން މަރާލަން ބަޔަކު މަސައްކަތްކޮށްފައިވާ ރަޝިޔާގެ އިދިކޮޅު އެކްޓިވިސްޓު ރަޝިޔާއަށް އެރުމާއި އެކު ހައްޔަރުކުރުމަށް ނިންމައިފިއެވެ.
އޭނާއަށް ޒަހަރު ދީގެން މަރާލުމަށް މަސައްކަތް ބަޔަކު ކުރުމާއި އެކު، ފަރުވާ ހޯދުމަށް އޭނާ ގޮސްފައިވަނީ ޖަރުމަނުވިލާތަށެވެ. އަދި ޖަރުމަނުވިލާތުން މިއަދު އެނބުރި ރަޝިޔާއަށް ދިޔުމާއި އެކު ރަޝިޔާ ކޯޓުތަކުގެ އަމުރަކާއި އެކު، އޭނާ މިވަނީ ހައްޔަރުކުރުމަށް ނިންމާފައެވެ. އޭނާ ހައްޔަރުކުރުމަށް ނިންމާފައިވަނީ މަކަރާއި ޙީލަތް އަދި އޮޅުވާލުމުގެ ދަޢުވާއެއްގައެވެ.
44 އަހަރުގެ ނަވާލްނީ ޖަރުމަނުގައި އެތައް މަހެއް ފަރުވާ ހޯދުމަށް ހޭދަކުރުމަށްފަހު، އޭނާ އެނބުރި ޤައުމަށް ދިޔަ އިރު، އޭނާގެ ހައްޔަރުގެ ފަހަތުގައި ވަނީ އޭނާ މަރާލުމަށްވެސް މަސައްކަތްކޮށްފައިވާ މިހާރުގެ ރަޝިޔާގެ ރައީސް ޕޫޓިން ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.
މިދިޔަ އަހަރުގެ ތެރޭގައި ނަވާލްނީއަށް ޒަހަރު ދީފައިވަނި ސައިބީރިޔާގައި ހުއްޓައެވެ. އަދި އޭނާ ވަނީ އިމަރޖެންސީގައި ކޯމާއެއްގައި އޮއްވައި ޖަރުމަނަށް ގެންގޮސްފައެވެ. ހުޅަނގުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެނާއަް ދީފައިވާ ޒަހަރަކީ ރަޝިޔާގައި އުފައްދާފައިވާ ނާރަށް ބާރުފޯރުވާ ނޮވިޗޮކް ނަމަކަށް ކިޔާ ޒަހަރެކެވެ.
ރަޝިޔާ ސަރުކާރަށް ގިނަ ޤައުމުތަކުން މި ކުރި ތުހުމަތުތަކަށް އަދިވެސް ރަޝިޔާ ސަރުކާރުން އަންނަނީ އެއީ ދޮގުކަމަށް ބުނަމުންނެވެ. އަދި ނަވާލްނީއަށް ރަޝިޔާ ސަރުކާރުގެ ފަރާތުން ގެއްލުމެއް ދިނުމަށް ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށްވެސް އަންނަނީ ބުނަމުންނެވެ.
ނަވާލްނީ މަރާލުމަށް ބަޔަކު މަސައްކަތް ކޮށްފައިވާ ކަމުގެ ހެކި ދެއްކުމުގެ ގޮތުން ޖަރުމަނުގެ ކަމާބެހޭ އިދާރާތަކުން އެއްބާރުލުން ދިނުމުގެ ގޮތުން ވަނީ ޤާނޫނީ ގޮތުންވެސް ނަވާލްނީއަށް އެހީތެރިވެދީފައެވެ. އަދި ޖަރުމަނުގެ ފުލުހުން ނަވާލްނީއާއި ކޮށްފައިވާ އިންޓަރވިޔުއެއްވެސް ވަނީ ފޯރުކޮށްދީފައެވެ.
ނަވާލްނީ ރަޝިޔާއަށް އެނބުރި ދިޔުމަށް ހަމަޖެހިފައިވާ އިރު، ރަޝިޔާގެ ޕްރިޒަން ސާރވިސްއިންވެސް ބުނަމުން އަންނަނީ އޭނާއަށް ޖަލު ހުކުމެއް އައުން ގާތް ކަމަށެވެ. އަދި އެއީ2014 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާ ކަމެއްގެ ސަބަބުން ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ނަވާލްނީއާއި ދެކޮޅަށް ރަޝިޔާ ސަރުކާރުން ކަން ކުރަން ނިންމާފައިވާ ގޮތަށް އިދިކޮޅުން އިހުތިޖާޖު ކުރަން ނިންމާފައިވާ އިރު، އިދިކޮޅުން ވަނީ މި ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!