ރ. ކިނޮޅަހާއި، ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފި އެވެ.
މިގޮތުން ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ. އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވާފައި ވަނީ، އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމު އާއި މެނޭޖިން ޑިރެކްޓާ ހަސަން ޝާހު އެވެ.
ރ. ކިނޮޅަހުގައި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުމުރުގެ މަޝްރޫޢު
އެމްޑަބްލިއުއެސްސީން ބުނީ އެރަށުގައި، ކުރިއަށް ގެންދާ މި މަޝްރޫޢުއަށް ބޭނުންވާ ހޮޅި އާއި އެހެނިހެން އާލަތްތައް އެރަށަށް ގެންގޮސްފައިވާ ކަމަށާއި، މިހާރު ހޮޅި ވަޅުލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފެނުގެ ނިޒާމް ގާއިމް ކުރުމަށް، ފެން ޕްލާންޓް ބަހައްޓާ އިމާރާތުގެ 52 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 11.8 ކިލޯ މީޓަރުގެ ދިގު ފެނުގެ ނެޓްވޯކެއް އެރަށުގައި ގާއިމްކުރާއިރު، އާރުއޯ ފެސިލީޓީ ބިލްޑިން ގާއިމްކުރުމާއި ފެން އުފެއްދުމާއި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް 200 ޓަނުގެ ދެ ތާންގީ ވެސް އެރަށުގައި ބަހައްޓާނެއެވެ. މީގެއިތުރުން ގެތަކުގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ބޯފެން ފޯރުދޭނެއެވެ.
MWSC Chairman Ahmed Mausoom, Managing Director @hassanshaahu and MP for Iguraidhoo Constituency @HassantayMDP groundbreaking the Water & Sewerage project of R.Kinolhas, undertaken by #TeamMWSC#MWSCprojects pic.twitter.com/7HeHR4EtbC
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) January 15, 2021
މީގެ އިތުރުން އެރަށުގައި 7.3 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވޯކެއް ގާއިމް ކުރާއިރު، 700 މީޓަރުގެ ޕަމްޕިން ލައިން އެޅުމާއި ދެ ޕަމްޕިން ސްޓޭޝަނާއި ސީއައުޓް ފްލޯއެއް ގާއިމް ކުރާނެއެވެ. އަދި ގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ، ގެތަކަށް ނަރުދަމާ ޚިދުމަތް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާ ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދޭނެ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއަށް 36.4 މިލިއަން ރުފިޔާގެ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، 22 މަސް ދުވަހުން މަސައްކަތް ނިންމަން ޖެހެއެވެ.
ބ. ގޮއިދޫގައި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުމުރުގެ މަޝްރޫޢު
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ގޮއިދޫއަށް ގެންގޮސްފައިވާއިރު، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި އެ މަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 30 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމްގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 15.9 ކިލޯ މީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 300 ކިއުބިކް މީޓަރުގެ ދެ ތާންގީ ބެހެއްޓުން ހިމެނެ އެވެ.
MWSC Chairman Ahmed Mausoom, Managing Director @hassanshaahu and MP for Iguraidhoo Constituency @HassantayMDP groundbreaking the Water & Sewerage project of B.Goidhoo, undertaken by #TeamMWSC#MWSCprojects pic.twitter.com/AiC9wIk7R4
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) January 16, 2021
އޭގެ އިތުރުން، ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ އެވެ. އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 8.7 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކުރުމާއި، 1.1 ކިލޯ މީޓަރގެ ފަންޑިން ލައިން އެޅުމާއި 3 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެއެވެ.
މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކުނެކްޝަން ގުޅައިދީ އެގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ އެވެ. އަދި އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނެއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއަށް 46 މިލިއަން ރުފިޔާގެ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، 22 މަސް ދުވަހުން މަސައްކަތް ނިންމަން ޖެހެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމުމުން އެ ދެރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!