ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ސައުދު ފައުންޑޭޝަންގެ ފަރާތުން ގއ. ދެއްވަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ސައުދު ފައުންޑޭޝަންގެ މި އެހީތެރިކަމަކީ ވިލިނގިލީ އަދި ކޮލަމާފުށީގެ ރައްޔިތުންގެ ނަމުގައި ދެއްވަދޫ ރައްޔިތުންނަށް ފޯރުކޮށްދިން އެހީތެރިކަމެކެވެ.

Ad
rt

މި އެހީތެރިކަން ހަވާލު ކުރެއްވުމަށްފަހު، މެންބަރު ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިނގިލީ އަދި ކޮލަމާފުށީ ރައްޔިތުންގެ ނަމުގައި "ސައުދު ފައުންޑޭޝަން"ގެ ފަރާތުން ދެއްވަދޫ ރައްޔިތުންނަށް 200 ކޭސް ބޯފެން 200 ފުޅި ސެނިޓެއިޒަރ ހަވާލުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ދެއްވަދޫ ރައްޔިތުންނަށް އަމާން ކަމާއި ރައްކާތެރިކަން، އަދި ކޯވިޑްއަށް ފައްސިވެފައިވާ ފަރާތްތަކަށް އަވަސް ޝިފާއެއް"

ސައުދު ވިދާޅުވިއެވެ.

ސައުދު ފައުންޑޭޝަންގެ އެހީތެރިކަން ދެއްވަދޫ ރައްޔިތުންނަށް ފޯރުކޮށްދީފައިވާއިރު، ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމުލަ 44 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މީތެރޭގައި ހިމެނެނީ ދެއްވަދޫން ޕޮޒިޓިވްވި 35 މީހުންނާއި ލ. ފޮނަދޫން ޕޮޒިޓިވްވި ހަތަރު މީހުންގެ އިތުރުން ހުޅުމާލޭން އެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވްވި ދެ މީހުންނެވެ.

މީގެ އިތުރުން މިއަދު އެ ކުލަސްޓާއާ ގުޅިގެން ގއ. ވިލިނގިލިން ކުއްޖަކު ޕޮޒިޓިވްވެ އަދި ގއ. ދާންދޫން ދެ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ދެއްވަދޫން ފުރަތަމަ ކޭސް އެއް ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ އެރަށު ހޯމް ކަރަންޓީންގައި ހުރި ކުއްޖެކެވެ.

ދެއްވަދޫގައި ކޯވިޑް ފެތުރެމުންދާއިރު އެ ކްލާސްޓާއާ ގުޅޭ ކޭސްތައް އެކި ރަށްރަށުން ވަނީ ފެނިފަ އެވެ. އެހެންވެ، ދެއްވަދޫގެ އިތުރުން، ވިލިނގިއްޔާއި، ލ. ފޮނަދޫ އާއި ގަން ވެސް އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.