ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)އިން އިން ބުނީ ބޮޑުކަންނެއްވި ގަނެވޭނެ އެންމެ ދަށްއަގު ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް އެ ޖަމިއްޔާއާއިއެކު، ފިޝަރީޒް މިނިސްޓްރީއިން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

Ad
rt

އިއްޔެ ކުރިއަށް ދިޔަ އެ ބައްދަލުވުމަކީ ފިޝަރީޒް މިނިސްޓްރީގެ އެދިލެއްވުމަކަށް، އެ މިނިސްޓްރީއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މިގޮތުން އެ ބައްދަލުވުމުގައި އެ ޖަމިއްޔާއިން ވަނީ 18 ކިލޯއިން މަތީގެ ކަންނެލި ގަންނަންވާނެ އެންމެ ދަށް އަގަކީ 80 ރުފިޔާ ކަމަށް ކަނޑައަޅައިދޭން އެދިފައެވެ. އަދި A ގްރޭޑްގެ ގޮތުގައި ގަންނަ ކަންނެލި ގަންނަންވާނެ އެންމެ ދަށް އަގަކީ 100 ރުފިޔާ ކަމުގައި ކަނޑައަޅައިދޭން ވެސް ވަނީ ހުށައަޅާފައެވެ.

މި ހުށަހެޅުންތައް މި ގޮތަށް ހުށަހަޅާފައި ވަނީ އެ ޖަމިއްޔާގެ މެންބަރުންގެ މަޝްވަރާގެ މަތިން ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ނަމަވެސް، އެ ޖަމިއްޔާގެ އެ ހުށަހެޅުންތަކުގައިވާ އަގުތަކަށް އެ ބައްދަލުވުމުގައި އެއްބަސްވުމަކަށް ނާދެވުނު ކަމަށް އެޖަމިއްޔާއިން ބުންޏެވެ. އެހެން ކަމުން އިތުރު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އުފެއްދުމާއިއެކު، އެ ޖަމިއްޔާއިން އަންނަނީ ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.