ތުރުކީ އަށް ނިޞްބަތްވާ މީހެއް ކަމަށްވާ އަދްނާން އޮކްތާރް (ހާރޫން ޔަޙްޔާ)، 1075 އަހަރަށް ޖަލަށް ލުމަށް ތުރުކީގެ ކޯޓުތަކުން ޙުކުމް ކޮށްފިއެވެ.
65 އަހަރުގެ އަދްނާން މިހާ ގިނަ ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ، 1000 އަށް ވުރެ ގިނަ ޖިންސީ ކުށުގެ މައްޗަށް ދަޢުވާ ކުރުމަށްފަހުގައި، އެ ކުށްތައް އޭނާގެ މައްޗަށް ސާބިތުވުމުގެ ސަބަބުންނެވެ.
އަދްނާން އޮކްތާރް އަކީ، ތުރުކީގެ ޓީވީ ތަކުން ފެންނަ ދެކެ ފަރިތަ މޫނެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެގެން ގޮސްފައިވަނީ، އެއްކައުވަންތަކަން ފަދަ ކަންކަމަށް ރިޢާޔަތްކޮށް ޓީވީ ތަކުގައި ފަތުވާ ދޭ މީހެއްގެ ގޮތުގައިއެވެ. އަދްނާން މި ކުށުގައި ސިފައިންގެ ބެލުމުގެ ދަށަށް އެ ޤައުމުން ގެނެސްފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އޭނާ އާއި އެކު 200 އެއްހައި މީހުންވެސް ވަނީ ކުށުގެ މާޙައުލުން ފެނުމުގެ ސަބަބުން ހައްޔަރުކޮށްފައެވެ.
އޭނާގެ 1075 އަހަރުގެ ޖަލު ޙުކުމަށް ސާބިތުވެފައިވާ ކުށްތަކުގެ ތެރޭގައި ހިމެނެނީ، ޖިންސީ ކުށްތަކުގެ އިތުރުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، މަކަރާއި ހީލަތާއި، އޮޅުވާލުމާއި، ސިޔާސީ އެހެނިހެން ކުށްތަކާއި، ތުރުކީ ސިފައިންގެ ސިއްރު މަޢުލޫމާތު ހޯދުން ފަދަ ބޮޑެތި ކުށްތަކެވެ. މި ކަންކަން ވަނީ ތުރުކީ ޓީވީތަކުންވެސް ބްރޯޑްކާސްޓްކޮށްފައެވެ.
އަދްނާންއާއި އެކު، އޭނާގެ ގުރޫޕުގައި ހިމެނޭ އިތުރު ދެމީހެއްގެ މައްޗަށްވެސް އޭނާއާއި އެކު ވަނީ ޖަލު ޙުކުމެއް ކޮށްފައެވެ. އެއީ ތަރްކާން ޔާވަސް އަދި އޮކްތާރް ބަބޫނާގެ މައްޗަށެވެ. މި ދެމީހުންގެ މައްޗަށް ޙުކުމް ކޮށްފައިވަނީ، 211 އަދި 186 އަހަރަށް ޖަލަށް ލުމަށެވެ.
ގިނަ އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ މި ޝަރީޢަތްތަކަކީ، ތުރުކީ ޓީވީ ތަކުން ވަރަށް ގާތުން ކަވަރު ކުރަމުން އައި ޝަރީޢަތްތަކެކެވެ. މި ގޮތުން، މި ޝަރީޢަތްތަކުގައި ހީވެސް ނުކުރާ ފަދަ ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯނާގެ ބައިވަރު ކުށްތަކެއް ވަނީ ފެނި، ސާބިތުވެގެން ގޮސްފައެވެ.
އަދްނާން މީގެ ކުރިންވެސް މަޝްހޫރު ވެގެން ގޮސްފައިވާ އެއް ކަމަކީ، 1990 ގެ އަހަރު ތަކުގައި ވަކި ޖަމާޢަތަކަށް ނިޞްބަތްވުމާއި، އޭރުވެސް، ގިނަ ޢަދަދެއްގެ ޖިންސީ ފުރައްސާރަ އާއި ގޯނާގެ މައްސަލަތަކަށް އޭނާގެ މައްޗަށް ފެންމަތިވެގެން ދިޔުމެވެ. ނަމަވެސް، އޭރުވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވެ އޭނާ ހުރީ މިނިވަނެއްގެ ގޮތުގައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!