އެމެރިކާގެ ކޮންގްރެސް އިމާރާތަށް ދެވުނު ހަމަލާތަކަށް ހިތްވަރު ދެއްވައި، ހަމަނުޖެހުންތަކަށް ވާގިވެރިވުމުގެ ކުށުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކޮށްފިއެވެ.
މިއީ، އެމެރިކާގެ ތާރީޚްގައިވެސް މަގާމުގައި ހުންނެވި ރައީސަކު ދެވަނަ ފަހަރަށް އިމްޕީޗް ކުރެވުނު ފުރަތަމަ ފަހަރެވެ.
އިދިކޮޅު ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮތް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ޓްރަމްޕް އިމްޕީޗްކުރީ އޭނާގެ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރެއްގެ ވޯޓާ ވެސް އެކުގަ އެވެ. އެއްކޮޅަށް 232 މެމްބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް ވޯޓު ދެއްވީ 197 މެމްބަރުންނެވެ. އޭނާ އިމްޕީޗް ކުރަން ހުށަހެޅި އާޓިކަލް ފާސްކުރަން ބޭނުންވަނީ 217 ވޯޓެވެ.
ޓްރަމްޕް އިމްޕީޗް ކުރުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް ހުށަހެޅި އާޓިކަލް އޮފް އިމްޕީޗްމަންޓަށް 2 ގަޑިއިރުގެ ބަހުސް ކުރިއަށް ދިޔަކަމަށް ބައިނަލް އަގުވާމީ މީޑިއާގައި ރިޕޯޓުކޮށްފައި ވެއެވެ.
މިދިޔަ ހަފްތާގެ އާދީއްތަދުވަހު ކޮންގްރެސް އިމާރާތަށް ދެވުނު ހަމަލާތަކާ ގުޅިގެން ޓްރަމްޕް އިމްޕީޗްކޮށްފައިވާއިރު، މިހަމަލާތައް ދިނުމަށް ޓްރަމްޕްގެ ސަޕޯޓަރުންނަށް ހިތްވަރު ލިބުނީ، ޓްރަމްޕްގެ އަމަލުތަކާއި، ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ކަމަށް އާޓިކަލް އޮފް އިމްޕީޗްމަންޓްގައި ކަނޑައަޅާފައި ވެއެވެ.
އާޓިކަލް އޮފް އިމްޕީޗްމަންޓް ހައުސްއިން ފާސްކުރުމާ ގުޅިގެން މައްސަލަ ދެން ދާނީ ޕާލަމެންޓްގެ މަތިގެ، ސެނޭޓަށެވެ. ޓްރަމްޕްގެ މައްޗަށް ޝަރީއަތް ހިންގާނީ ސެނޭޓުގައެވެ.
ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ޔޫކްރެއިންގެ އެހީ ހޯއްދަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައުސް އިން ފުރަތަމަ ޓްރަމްޕް އިމްޕީޗްކުރީ 2019ގަ އެވެ.
އެމެރިކާގެ ތާރީޚުގައި ޓްރަމްޕް ފިޔަވައި އިމްޕީޗްކޮށްފައި ވަނީ އެންމެ ދެ ރައީސުންނެވެ. އެއީ 1868ގައި އެންޑްރޫ ޖޯންސަން އާއި 1998ގައި އިމްޕީޗްކުރި ބިލް ކްލިންޓަން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!