އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޔުނައިޓެޑް ޖެހިލައިފިއެވެ.
ބާންލީ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު އެ ޓީމުން ބާންލީގެ ގޯލާއި އަމާޒުކޮށް ހަތް ހަމަލާއެއް ވަނީ ފޮނުވާލާފައެވެ. މެޗުން ބަލިވި ބާންލީ ޓީމަށް މުޅިމެޗުގައި ވެސް ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައިނުވެއެވެ.
މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސް މިޑްފީލްޑަރ ޕޯލް ޕޮގްބާއެވެ. މި ލަނޑު 71 ވަނަ މިނެޓުގައި ޕޮގްބާ ކާމިޔާބު ކޮށްފައިވަނީ ރަސްފޯޑް ބާންލީގެ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.
ލީގުގެ އެއްވަނަ މަޤާމު ޔުނައިޓެޑަށް ލިބިގެން ގޮސްފައި މިވަނީ ހަތް ސީޒަނަށް ފަހިގައެވެ. އެންމެ ފަހުން ޔުނައިޓެޑް ލީގުގެ އެއްވަނަ ލިބިފައިވަނީ 2012-2013 ވަނަ ސީޒަންގައެވެ. އެއީ ޔުނައިޓެޑްގެ ލެޖެންޑަރީ ކޯޗް އަލެކްސް ފާގަސަންގެ ކޯޗިންގެ އެންމެ ފަހު އަހަރެވެ. އެ އަހަރު ލީގު ކާމިޔާބު ކޮށްފައިވަނީ ވެސް ޔުނައިޓެޑުންނެވެ.
މި މެޗުން މޮޅުވުމުން ޔުނައިޓެޑަށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ވަނީ ލިބިފައެވެ. އެ ޓީމަށް 17 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް 17 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. ރޭ މެޗުން ބަލިވި ބާންލީ މިވަގުތު އޮތީ އެ ޓީމް ލީގުގައި ކުޅުނު 16 މެޗުން ލިބުނު 16 ޕޮއިންޓާއިއެކު ތާވަލުގެ 16 ވަނާގައެވެ.
އަންނަ އާދީއްތަ ދުވަހުގެ ރޭ ޔުނައިޓެޑް ނުކުންނާނީ، އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށެވެ. މި މެޗުން މޮޅުވެގެން ޔުނައިޓެޑަށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަ ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުޞަތު އޮތްއިރު، ޗެމްޕިއަން ލިވަޕޫލަށް ވެސް މެޗު ކާމިޔާބު ކޮށްގެން އަލުން ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލުމުގެ ފުރުޞަތު އެބައޮތެވެ.
ފޯރިގަދަވާނެ ކަމަށެ ބެލެވޭ މި މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 21:30 ގައި ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!