މެލޭޝިޔާގެ ބޮޑު ވަޒީރު މުޙްޔިއްދީން ޔާސީން ހޯމަ ދުވަހު ހާމަކުރެއްވެވި ގޮތުގައި އެ ޤައުމުން އަނެއްކާވެސް 14 ދުވަހުގެ ފުރަބަންދަކަށް ދިޔުމަށް ނިންމައިފިއެވެ.
ބޮޑު ވަޒީރު، އަދި ޤައުމުގެ އިސްވެރިން މި ނިންމެވުން ނިންމަވާފައިވަނީ އެ ޤައުމުގައި އަނެއްކާވެސް ކޯވިޑް-19 ގެ ކޭސްތައް ކުއްލެއަކަށް އިތުރުވުމުގެ ސަބަބުންނެވެ.
މެލޭޝިޔާއަކީ މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައި ކޯވިޑް-19 މުޅި ދުނިޔެއަށް އެންމެ ފުރަތަމަ ފެތުރެން ފެށުމާއި އެކު، އެންމެ ހަރުކަށި ފިޔަވަޅުތައް އަވަހަށް އެޅި އެއް ޤައުމެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، އެ ޤައުމުގައި މި ބަލި ކޮންޓްރޯލު ކުރެވިގެން ދިޔައެވެ. ނަމަވެސް، ފުރަބަންދު އުވާލުމަށްފަހު އެ ޤައުމަށްވެސް ވަނީ މި ބަލިމަޑުކަމުގެ ދެވަނަ ރާޅެއްގެ ދަށުވެފައެވެ.
އެ ޤައުމުގެ ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ފެންނަންފެށި އައު ކޭސް ތަކުގެ ސަބަބުން މިހާރު ދުވާލަކު 8000 ކޭސް ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި މިއީ މެލޭޝިޔާ ފަދަ ޤައުމަކާއި ބަލާއިރ، ބޮޑު ޢަދަދެއްކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ ސިއްޙީ ޙާލަތު ހުރީ ވަރަށް ނާޒުކު ފައްތަރެއްގައި" މުޙްޔިއްދީން ޔާސީން ޤައުމާއި މުޚާތަބު ކުރަމުން ވިދާޅުވިއެވެ.
މި ފަހުގެ ތާރީޚެއްގައި އެ ޤައުމުގައި އަނެއްކާވެސް ދުވާލެއްގެ މައްޗަށް މީހުން ބަލިވާ ރޭޓު ވަނީ 3000 އަށް މިދިޔަ ހަފްތާގައި އަރާފައެވެ. އަދި މި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު މުޅި ޖުމްލަ ވަނީ 138،000 އަށްވެސް އަރާފައެވެ. މި ޢަދަދުތައް މިހެން އޮތް އިރު އެ ޤައުމުން މި ބަލީގައި 555 މީހުން މަރުވެފައިވާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
މެލޭޝިޔާގައި ފުރަބަންދު އިޢުލާން ކޮށްފައިވާ އިރު، މި ފުރަބަންދު ފެށިގެންދާނީ ބުދަ ވިލޭރޭއިން ފެށިގެންނެވެ. އަދި މި ފުރަބަންދާއި އެކު، މީހުން އެއްވެ އުޅޭ ހުރިހާ ތަނެއް ބަންދު ކުރުމާއި، ގިނަ ސަރަހައްދުތަކެއް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!