މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޓީމެއް ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރަން ނިންމައިފިއެވެ.
އެމްޓީސީސީން ބުނީ މި ޓީމު ފުރަތަމަ ޒިޔާރަތް ކުރާނީ ހއ. އަތޮޅަށް ކަމަށެވެ. މިގޮތުން އެ އަތޮޅުގައި މި ޓީމު ހަރަކާތްތެރިވާން ހަމަޖެހިފައިވަނީ މިމަހުގެ 12 އިން 18ގެ ނިޔަލަށެވެ. އަދި ހދ. އަތޮޅުގެ ރަށްތަކަށް މި ޓީމު ދަތުރު ކުރާނީ ވެސް މިމަހުގެ 19 އިން 24 އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
މިދަތުރުގެ މަޤްސަދަކީ ކޯވިޑް-19 ގެ މިހާލަތުގައިވެސް މަސްވެރިންނާއި، އޮޑިވެރިންނާއި އަދި ދަތުރުވެރިންނަށް ގާތުން ޙިދުމަތް ދިނުން ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އޮޑިވެރިންނާއި، އޮޑިދޯނިފަހަރު ބަންނަމުންދާ ފަރާތްތަކަށް މިހާލަތުގައި އެކިގޮތްގޮތުން ދިމާވެފައިވާ އަދި ދިމާވަމުންދާ ދަތިތަށް ދެނެގަނެ،
އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާމެދު އޮޑިވެރިންނާއި، އޮޕްރޭޓަރުންނާއި، އިންޖިނޭރުންނާއި، އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތުގައި
ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ރަށު ކައުންސިލް އިދާރާތަކާއި މަޝްވަރާ ކުރުމަކީވެސް މިދަތުރުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެ ކުންފުނިން ބުންޏެވެ.
''މިދަތުރުގައި ކުރިއަށްދާނެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި، އަލަށް ބަންނަމުންދާ އޮޑިދޯނިފަހަރު އިންސްޕެކްޓްކޮށް، މިހާރު ދުއްވަމުންދާ އޮޑިފަހަރުގެ އިންޖީނަށް މައްސަލައެއް ދިމާވާކަން ފާހަގަކުރެވޭނަމަ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އެމްޓީސީސީން ފޯރުކޮށްދޭ ޙިދުމަތްތައް ލިބުމުގައި އަތޮޅުތެރޭގައި ތިއްބެވި ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތައް ދިރާސާކުރުމާއި، އިންޖީނާއި ސްޕެއަރޕާރޓްސް ގަތުމުގައި މާލީގޮތުން ދިމާވާ ގޮންޖެހުންތަކަށް މިހާލަތުގައި ތަޢާރަފުކުރެވިފައިވާ ފައިސާ ދެއްކޭނެ ޕްލޭންތަކާބެހޭ މަޢުލޫމާތު އޮޑިވެރިންނާއި ޙިއްސާކުރުން ހިމެނެއެވެ.''
އެމްޓީސީސީން ބުނެފައި ވެއެވެ.
އެމްޓީސީސީގެ އާންމުވިޔަފާރި ފެށިފައިވަނީ، ކުންފުނި އުފެދުނު ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ފެށުނު، އޮޑިދޯނިފަހަރުގައި އިންޖީނު
އެޅުމުގެ މަސައްކަތުގެ ތެރެއިން ކަމަށް ވުމާއިއެކު، އާންމުވިޔަފާރި ފެށުނުއިރު ވެސް ކުންފުނީގެ މަޤްޞަދަކަށް ވެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި
ދިރިއުޅޭ އޮޑިވެރިންނަށް މިދާއިރާއިން ޙައްލު ހޯދާދިނުމާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުން ކަަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން އަންނަނީ ދިވެހި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ އިތުރުން ގިނަ ގުނަ ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދީ، ސަރުކާރުގެ އެކިވަރުގެ އެތައް ތަރައްގީގެ މަޝްރޫޢުތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!