އިއްޔެެގެ ވަގުތެއްގައި އިންޑޮނޭޝިޔާއަށް ނިޞްބަތްވާ މަތިންދާބޯޓެއް ވެއްޓުމުގެ ހާދިސާއަށްފަހު، އެ ބޯޓު ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދުން އިންސާނުންގެ ހަށިތަކާއި، އަދި އެހެނިހެން ބޯޓަށް ނިޞްބަތްވާ ސާމާނުކަމަށް ބެލެވޭ ތަކެތި ފެންނަން ފަށައިފިއެވެ.

ސްރީ ވިޖޭޔާއަށް ނިޞްބަތްވާ މި737-500 ގެ މަރުކާގެ މި ބޯޓު ކަނޑަށް ވެއްޓިފައިވަނީ ޖަކާރޓާއިން ނައްޓާލިތާ މަދު އިރުކޮޅެއްގެ ތެރޭގައެވެ. އަދި މިހާތަނަށް މި ބޯޓު ވެއްޓެން ދިމާވި ސަބަބެއް ކަނޑައެޅިފައިނުވާ އިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންއަންނަ ފަރާތްތަކުން އަންނަނީ ކެނޑިނޭޅި މީހަކު ސަލާމަތްވެފައިވޭތޯ ބަލަމުންނެވެ.

Ad
rt

"މިއަދުގެ ހެނދުނާއި ހަމައަށް އަހަރެމެންނަށް ވަނީ 2 ކޮތަޅެއް ލިބިފައި. އެއީ އިންސާނުންގެ ހަށިތަކެއްގެ ބަޔަކާއި، ބޯޓުގެ ބައެއް ބައިތަށް ކަމަށް ބެލެވޭ ތަކެތި" ޖަކާރޓާގެ ޕޮލިހުގެ ވަރާތުން ޔުސްރީ ޔޫނުސް ވިދާޅުވިއެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަ ކުރާ ގޮތުގައި، މި ބޯޓުން 62 ފަސިންޖަރުން ދަތުރުކޮށްފައިވާއިރު، އޭގެ ތެރެއިން 10 މީހުންނަކީ ކުޑަކުދިިންނެވެ. އަދި މިއީ ހުސްވެސް އިންޑޮނޭޝިޔާގެ ރައްޔިތުންކަމަށްވެސް ވަނީ ހާމަކޮށްފައެވެ. މި ބޯޓު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޕޮންޓިއަނަކް ސިޓީއަށް ޖާވާ ކަނޑުގެ މަތިންނެވެ. އަދި ޖާވާ ކަނޑުގެ މަތިން މި ބޯޓު 90 މިނެޓު ދުއްވުމަށްވެސް ވަނީ އިއްޔެ ޝެޑިއުލް ކުރެވިފައެވެ.

މި ބޯޓު ޕޮންޓިއަނަކް ސިޓީ ކައިރިއަށް ވެއްޓިފައިވާ އިރު، ގިނަ ޢަދަދެއްގެ އާއިލާތަކުން މި ވަގުތު ތިބީ ހާސްކަންމަތީ މި ބޯޓާއި ބެހޭ މަޢުލޫމާތެއް ލިބޭނެ ކަމުގެ އިންތިޒާރުގައެވެ.

"އަހަރެންގެ އަންހެނުންނާއި 3 ދަރިން ތިބީ އެ ބޯޓުގައި" ރޮމުން ޔަމާން ޒައީ ނަމަކަށް ކިޔާ މީހަކު ބުންޏެވެ.

އިންޑޮނޭޝިޔާއިން ބުނާ ގޮތުގައި، މި ބޯޓު ހޯދުމުގެ މަސައްކަތުގައި ވަރަށް ބައިވަރު މީހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ގޮތުން، ނޭވީ، ސިފައިން، ފުލުހުން އަދި 10 މަނަވަރު ވެސް މީގެ ތެރޭގައި ހިމެނެއެވެ.