އަދާލަތު ޕާޓީ (އޭޕީ)ގެ ރައީސް ކަމުގެ މަގާމަށް އަންހެނުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރު އިސްލާޙްކޮށް، ރައީސް އާއި ނާއިބު ރައީސްގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.
އޭޕީން ބުނީ އެ ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް، ބަދަލު ގެނައީ 08 ޖެނުއަރީ 2021 ވަނަ ދުވަހު ބޭއްވުނު މަޝްވަރާ މަޖިލީހުން ކަމަށެވެ.
އޭޕީގެ އެންމެ އިސް ދެ މަގާމަށް އަލުން ކުރިމަތިލުމަށް ހުޅުވާލުމާއިއެކު އެ ޕާޓީން ވަނީ އެ ޕާޓީގެ ރިޔާސީ އިންތިޚާބު ވެސް ފަސްކޮށްފައެވެ. އެ ގޮތުން ދެން އެ އިންތިޚާބު އޮންނާނީ މިހިނގާ ޖެނުއަރީ މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.
މިގޮތުން އޭޕީގެ 3 ވަނަ ދައުރަކަށް ރައީސާއި، ނައިބު ރައީސްކަމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް މިމަހުގެ 17 ވަނަދުވަހުގެ 14:00ގެ ކުރިން އެކަމަށް ކުރިމަތި ލުމުގެ ފުރުޞަތު އެ ޕާޓީން މިހާރު ވަނީ ހުޅުވާލާފައެވެ.
އޭޕީގެ ރައީސްގެ މަޤާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އެޕާޓީގެ ދުސްތޫރަށް މި އިޞްލާޙު ހުށަހެޅީ މިވަގުތު އެ ޕާޓީ ކުރިއަށް ގޮސްފައިވާ މިންވަރަށް ރިއާއަތްކޮށް، އެ ޕާޓީ އިތުރަށް ހުޅުވާލައި އެންމެ އިސްސަފުގައި އަންހެނުންނަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު އިތުރުކުރުމަށްކަމަށް އެ ޕާޓީގެ މިހާރުގެ ރައީސް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އުފެދުނުތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަދާލަތު ޕާޓީގައި މިވަގުތު 6،600 އެއްހާ މެންބަރުން އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!