ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއާއި ގްރެނާޑާ ބައްދަލު ކުރިމެޗު ފަސޭހަ ކަމާއިއެކު ބާސެލޯނާއިން ކާމިޔާބު ކޮށްފިއެވެ.
ގްރެނާޑާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ބާސެލޯނާއިންނެވެ. ފުރަތަހާފުގައި ބާސެލޯނާގެ ފަރާތުން ތިން ލަނޑު ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފްރާންސް ފޯވާޑް ގްރިޒްމަންއެވެ. ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި، ގްރެނާޑާގެ އޭރިޔާގެ ތެރޭގައި ހުރެ ގޯލުގެ މަތީކަނަށް ފޮނުވާލައިގެން މެސީ ކާމިޔާބު ކޮށްފައިވަނީ ގްރިޒްމަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މެޗުގައި ބާސެލޯނާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ މެސީއެވެ. މި ލަނޑު މެސީ ކާމިޔާބު ކޮށްފައިވަނީ އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ.
ބާސެލޯނާއިން މެޗުގައި މޮޅަށް ކުޅުނު ނަމަވެސް ގްރެނާޑާއިން ވެސް ވަނީ ބާސާގެ ގޯލަށް ނުރައްކާކޮށްފައެވެ. މިގޮތުން އެ ޓީމުން ބާސާގެ ގޯލާއި އަމާޒުކޮށް މެޗުގައި ފަސް ހަމަލާއެއް ފޮނުވާލާފައި ވެއެވެ. މެޗުގައި ބާސާއިން ކާމިޔާބު ކުރި ހަތަރުވަނަ ލަނޑު އެ ޓީމްގެ މިޑްފީލްޑަރ ޑެމްބެލޭގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ގްރިޒްމަންއެވެ. މި ލަނޑު ގްރިޒްމަން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. ގްރެނާޑާގެ ޑިފެންޑަރ ޖީސަސް ވަލޭހޯ ބާސެލޯނާގެ ފޯވާޑް ބްރެތުވައިޓްއަށް ކުރި ފައުލަކާއި ގުޅިގެން 78 ވަނަ މެނެޓުގައި ވަލޭހޯއަށް ރަތްކާޑު ދެއްކުމުން އެ ޓީމުން މެޗު ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މި މެޗުން ލިބުނު މޮޅާއިއެކު ބާސާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. ބާސާއަށް 18 މެޗުން ލިބިފައި ވަނީ 36 ޕޮއިންޓެވެ. މެޗުން ބަލިވި ގްރެނާޑާ މިވަގުތު އެ ޓީމް ކުޅުނު 17 މެޗުން ލިބުނު 24 ޕޮއިންޓާއިއެކު އޮތީ ޕޮއިންޓް ތާވަލުގެ ހަތް ވަނާގައެވެ. 15 މެޗުން 38 ޕޮއިންޓް ހޯދައިގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!