ދުނިޔެއިން މަދުން ނޫނީ ނުފެންނަ ހުދު ކޯމަހެއް (އަލްބިނޯ ކޯމަހެއް) ހދ. އަތޮޅުން ފެނިއްޖެ އެވެ.
"އަލްބިނޯ" ކޯމަހަކީ އެހެން ކޯމަހަށް ވުރެއް އެތަކެއް ގޮތަކުން ތަފާތު އަދި ހާއްސަ ސިފަތަކެއް ލިބިގެންވާ ކޯމަހެކެވެ.
ހުދު ކުލައިގެ މިކޯމަސް ފެންނަ ވީޑިއޯ މީސްމީޑިޔާގައި ހިއްސާކޮށްފައިވަނީ މަޝްހޫރު “ޒުވާން މަސްވެރިޔާ” ހަސަން ސާޖިންއެވެ. ހަލުވި ކަމާއިއެކު ދައުރުވަމުން އަންނަ މިވިޑިއޯ އެނާ ހިއްސާކޮށްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. މިހާތަނަށް 11 ހާސް މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ.
މިވީޑިއޯ ހިއްސާ ކުރަމުން ޒުވާން މަސްވެރިޔާ ބުނެފައިވަނީ މިއީ ހދ. އަތޮޅުން ފެނުނު ކޯމަހެއް ކަމަށެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އަލްބިނޯ ކޯމަސް އާދައިގެ އެހެން ކޯމަސްތަކާއި އެކުގައި ދަތުރުކުރާ މަންޒަރު ފެނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އޭނާގެ ރައްޓެއްސަކު އޭނާއަށް ފޮނުވި ވީޑިއޯއެކެވެ. އެ ވީޑިއޯ ކުރީ ކޮން އިރެއްގައި ކަމެއް ސާފެއް ނުވެ އެވެ.
އާންމުކޮށް ފެންނަ ކޯމަހުގައި ހުންނަނީ ގަދަ އަޅި ކުލައެވެ. ހުދު ކޯމަސް ނުވަތަ “އަލްބީނޯ” ކޯމަހަކީ އަސްލު ކޯމަހުގެ ސެލް މިއުޓޭޓްވުމުގެ ސަބަބުން ދިމާވާ ކަމަކުން އުފެދޭ ކޯމަހެކެވެ. މިގޮތުން ހުދުކުލައިގެ މިކޯމަސް އުފަންވަނީ އަންހެން ކޯމަހާއި ފިރިހެން ކޯމަހުގައި މި ޖީން ހުންނަ ނަމައެވެ. މިފަދަ ކޯމަހަކީ ޕެސިފިކް ކަނޑުން މަދުން ފެންނަ ކޯ މަހުގެ ވައްތަރެކެވެ.
Haa dhaalu atholhun fenunu dolphin eh❤️ pic.twitter.com/JDVNnkeG0M
— (@ZuvaanMasveriya) January 6, 2021
މިއުޓޭޝަންގެ ސަބަބުން ކޯމަހަށް އަސްލު ކުލަ ގެނެސްދޭ “މެލަނިން” ނަމަކަށް ކިޔާ މާއްދާއެއް އުފެދުމަށް ހުރަސް އަޅައެވެ. “މެލަނިން” އަކީ އިރުގެ ދޯދިތަކުން ހަންގަނޑު ރައްކާތެރިކޮށްދޭ މާއްދާއެކެވެ. “މެލަނިން” ނެތުމުގެ ސަބަބުން މި ކޯމަހުގެ ކުލަ ހުދުވެއެވެ. އެގޮތުން “އަލްބީނޯ” ހުދުކުލައިން ނުވަތަ މަޑު ފިޔާތޮށި ކުލައިން ފެންނަ ކަންވެސް ފާހަގަކޮށްލެވެއެވެ.
އެގޮތުން އަލްބިނޯ ކޯމަހުގެ ކުލައަކީ ހުދު ނުވަތަ މަޑު ފިޔާތޮށި ކުލައެވެ. ހދ. އަތޮޅުން ފެނިފައިވަނީ ހުދު ކުލައިގެ އަލްބިނޯ ކޯމަހެކެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުވެސް ހުދު ކޯމަހެއް ރާއްޖެއިން ވަނީ ފެނިފައެވެ.
“އަލްބީނޯ” އަކީ ކޯމަހުގެ އިތުރުން އެހެން ޖަނަވާރުނަށްވެސް ކުރިމަތިވާ ކަމެކެވެ. އަދި އިންސާނުންނަށް މިހާލަތު ދިމާވެއެވެ. މިމައްސަލަ އިންސާނުންނާއި ޖަނަވާރުންނަށް ދިމާވުމުން، ގައިގައި ހުންނަ އިސްތަށްޓާއި، ކެހެރީގެ އިތުރުން، ލޮލުގެ ކަޅީގެ ކުލައަށްވެސް ބަދަލުއާދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!