ވޭތުވެދިޔަ ހަފްތާ ތަކުގެ ތެރޭގައި ބިޓްކޮއިންގެ އަގު ދުވަހަކުވެސް ނުދާހާ މައްޗަށް ގޮސްފި އެވެ.

މިހާރު ބިޓްކޮއިންއެއްގެ އަގުހުރީ 34385.80 ޑޮލަރުގައި ހިފެހެއްޓިފައެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 527314.48 ރުފިޔާ އެވެ. މިއީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އެއް ހަމައެއްގައި ބިޓްކޮއިން ހިފެހެއްޓިފައިވާ އެންމެ މަތީ އަގެވެ.

Ad
rt

ވާރޓުއަލް ކަރަންސީ ނުވަތަ ލޮލަށް ނުފެނުނަސް އިންޓަރނެޓުގެ ޒަރީޢާއިން ބޭނުންކުރެވޭ ބިޓްކޮއިންގެ ވިޔަފާރިއަކީ، ދުނިޔޭގެ ގިނަ ބަޔަކު މިއަދު ކުރަމުން އަންނަ ވިޔަފާރިއެކެވެ. 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބިޓްކޮއިންގެ ފަރާތުންވަނީ އެ ލާރީގެ އަގު 3 ގުނައަށް މައްޗަށް ޖައްސާފައެވެ. ދުނިޔޭގެ އެންމެ އަގުބޮޑު އެއް ފައިސާކަމަށްވާ ޑޮލަރުގެ އަގު ވެއްޓުމާއި އެކު، ކްރިޕްޓޯ ކަރަންސީގެ އަގުތައް މައްޗަށް ޖެހި ގިނަ އިންވެސްޓަރުންގެ ލޯ ތަކުގައި އަނެއްކާވެސް ބިޓްކޮއިން ވަނީ އަޅައިގަނެފައެވެ.

މަޝްހޫރު ގިނަ ނަންނަތަކެއްގެ ކުރިޕްޓޯ ކަރަންސީ އާއި އެކު މިވަނީ ވޭތުވެދިޔަ އަހަރު ތެރޭގައި ފެންނަން ފަށާފައެވެ. މި ގޮތުން، ރިކް ރީޑަރ، ބްލެކް ރޮކްގެ ޗީފް އިންވެސްޓަރ ބުނާ ގޮތުގައި، ކްރިޕްޓޯކަރަންސީ ރަނުގެ އަގަށްވުރެވެސް މަތިވެދާނެއެވެ. ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްޗާ ޕޭޕާލްއިންވެސް ވަނީ ބިޓްކޮއިންގެ ވިޔަފާރީގެ ތެރެއަށް ވަދެފައެވެ.

މި އަހަރަކީ ބިޓްކޮއިންގެ ޑިމާންޑު ބޮޑުވެ އަގުތައް މައްޗަށް ދިޔަ ފުރަތަމަ އަހަރެއް ނޫނެވެ. މި ގޮތުން، 2017 ވަނަ އަހަރުގެ ފަހުކޮޅު، ބިޓްކޮއިންއެއްގެ އަގު ވަނީ 20،000 ޑޮލަރަށް އަރާފައެވެ. އޭގެ ފަހުން ބިޓްކޮއިންގެ އަގުތައް ވެއްޓި، މަތިވެ މިފަދަ ގޮތަކަށް ފެނިފައިވެއެވެ.

ބިޓްކޮއިންގެ ވާޙަކަ ދުނިޔޭގެ ހަތަރު ބިތަށް ފޯރާފައިވާއިރު، އަދިވެސް ބިޓްކޮއިންގެ ނާޖާއިސް ފައިދާ ނަގަމުންދާ ވަގުން ގިނަވުމުގެ ސަބަބުން، މި ފައިސާއަށް ވަނީ ގިނަ ފާޑުކިޔުމާއި ކުރިމަތިލާން ޖެހިފައެވެ. މިދިޔަ ޖުލައި މަހު ހެކަރުންގެ ޓީމަކުން ގިނަ ޢަދަދެއްގެ ޓްވިޓަރ އެކައުންޓުތަކެއް ހެކުކޮށްފައިވަނީ ވެސް، ބިޓްކޮއިންއިން ފައިދާތަކެއް ހާޞިލްކުރުމަށް ކަމަށް މިހާރުވަނީ ފަޅާއަރާފައެވެ. އެ އެކައުންޓްތަކުގެ ތެރޭގައި، ބަރަކް އޮބާމާ، އީލޯން މަސްކް، އަދި ބިލް ގޭޓްސް ފަދަ މަޝްހޫރު މީހުންގެ އެކައުންޓްތައްވެސް ހިމެނެއެވެ.

2008 ވަނަ އަހަރު ދައުރުވާން ފެށި ބިޓްކޮއިން އަކީ އެއްވެސް ބޭންކެއްގެ ކޮންޓްރޯލް އެއަށް ނުފޯރާ، ދައުރުވަމުން އަންނަ އެތައް ކްރިޕްޓޯ ކަރަންސީއެއްގެ ތެރެއިން އެއް ކްރިޕްޓޯ ކަރަންސީ އެވެ. ބިޓްކޮއިން އެއްގެ އަގު 2008ގައި އުޅުނީ ގާތްގަނޑަކަށް އެންމެ ހަ ޑޮލަރަށެވެ.