ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން، ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނު ކުރުމުން، ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހަށް ތާވަލްކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

އެކަން ހާމަކުރެއްވީ އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ޝަރީފް ވިދާޅުވީ، ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު، މިއަހަރުގެ އޭޕްރިލް 3 ގައި ބޭއްވުމަށް ތާވަލުކުރުމަށް އީސީން މިއަދު ނިންމާފައިވާ ކަމަށެވެ.

Ad
rt

ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.

އީސީން ވަނީ މިއަހަރުގެ މާޗުމަހު ވެސް އިންތިޚާބު ބާއްވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ކޯވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން އިތުރުކުރުމުން އެ ތާރީޚް ވަނީ ބަދަލު ކުރަން ޖެހިފައެވެ.

އެހާލަތު އިތުރުކުރުމުން ގާނޫނީ ޖާގަނެތުމުން އޭޕްރިލްމަހު ބާއްވަން ނިންމި ކައުންސިލްތަކުގެ އެ އިންތިޚާބު އެ މަހު ނުބޭއްވޭގޮތް ވުމުން ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ގާނޫނީ ހައްލެއް ހޯދަން ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިމަހު 15 ވަނަ ދުވަހު ބޭއްވުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.