މާލެ ސިޓީގެ، ހުޅުމާލޭގައި ބިދޭސީއަކަށް ހަމަލާދީ ޒަޚަމްކޮށްލުމަށްފަހު، އޭނާގެ އަތުން ފޭރިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ބިދޭސީއަކަށް ހަމަލަދިނުމަށްފަހު، އޭނާގެ ފޯނާއި ވޮލެޓު ފޭރިގަނެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
މި ހަމަލާއަށް ފަހު އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާއަށް ލިބުނު ގެއްލުންތަކުގެ ތަފުސީލެއް ފުލުހުން ނުދެއްވަ އެވެ. ނަމަވެސް ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ އެއް ފައި ބިނދިފައިވާ ކަމަށް ބައެއް މަސްދަރުތައް ބުނެއެވެ.
އެ ބިދޭސީ މީހާއަކީ ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރާ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. ފޭރުމަށްފަހު އޭނާ ޒަޚަމްކޮށްލާފައިވާ ފޮޓޯއިން ފެންނަގޮތުން އެނާގެ އަންނައުނުވެސް ވަނީ ވީދާލާފައެވެ. އެނާ ބިންމަތީގައި އޮތް އޮރު ފައިގައި ލޭ ވެސް ހުއްޓެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ވައްކަމާއި ފޭރުމުގެ ގިނަ ހާދިސާތަކެއް ހިނގަމުން އަންނައަހަރު، ނިމުނު 2020 ވަނަ އަހަރު ވެސް ފޭރުމުގެ 300 އަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އެއަހަރު ވައްކަމާ ގުޅޭ 3500 ށްވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!