ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުމުގައި ފަންނީ ތަޢުލީމް ލިބިފައިވާ ދިވެހިންތަކެއް ބިނާކުރުމަށް މޯލްޑިވްސް ޓްރާނަސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ "ހުނަވަރު" ޕްރޮގްރާމް ފަށައިފިއެވެ.
އެމްޓީސީސީއިން ބުނީ، މިޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުންތަކެއް އެމްޓީސީސީގެ އެކިއެކި ވަޒީފާތަކަށް ހޯދުންކަމަށެވެ. މިޕްރޮގްރާމް މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އެމްޓީސީސީ އިން މަޢުލޫމާތު ދެއެވެ.
އެގޮތުން ޢުމްރާނީ ތަރައްޤީއާއި، ޢިމާރާތްކުރުމުގެ ދާޢިރާގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރާނެ ކަމަށް އެމްޓީސީސި އިން މަޢުލޫމާތު ދީފައިވެއެވެ.
"މިއަހަރުގެ ހުނަވަރު ޕްރޮގްރާމް ކުރިއަށް ގެންދާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން. ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދާނީ އެމްޓީސީސީ އިން ޢުމްރާނީ ތަރައްޤީއާއި ޢިމާރާތްކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށް. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި، މެޝިނަރީ އަޕްދޭޓްކުރުމުގެ ޤާބިލްކަން ލިބިފައިވާ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެވޭނެ."
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވިއެވެ.
ޢާޒިމް އިތުރަށް ވިދާޅުވީ، ހުނަވަރުގެ ފުރަތަމަ ފިޔަވަހި ޚާއްސަކޮށްފައިވަނީ ދެކުނުގެ ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. އެގޮތުން މިޕްރޮގްރާމްގެ ދަށުން ތަމްރީން ދެވޭނީ އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ޓަގް، ބާޖު، ބަސް، ލޮރީ، ބުލްޑޯޒާ، ކްރޭން، ލޮރީ، ރޯލާ، ޕޭވާ، ލޯޑަރު އަދި ގްރޭޑަރު ފަދަ އުޅަނދުފަހަރާއި މެޝިނަރީ ދުއްވާ އުޅަނދުފަހަރު ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.
މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން މިހިނގާ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު ފުވައްމުލަކުގައި އަދި ޖަނަވަރީ 11 ވަނަ ދުވަހު އައްޑޫގައި އޯޕަންޑޭއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއޯޕަންޑޭގެ ތެރެއިން ތަމްރީންގައި ބައިވެރިވާން ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބައިވެރިން ހޮވާ، އެކުންފުނީގެ ސައިޓްތަކުގައި 3މަސް ވަންދެން ފަންނީ ތަމްރީން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!