ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ސާފް ސުޒުކީ ކަޕް (ސާފް ޗެމްޕިއަންޝިޕް) މިއަހަރު ބަންގްލަދޭޝްގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

13 ވަނަ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 14 އިން 25 އަށެވެ. މީގެ ކުރިން މި އަހަރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގައެވެ. ނަމަވެސް، މި މުބާރަތް ފަހުން މިވަނީ ބަންގްލަދޭޝްގައި ބޭއްވުމަށް ނިންމާފައެވެ. މީގެ ކުރިން، ބަންގްލަދޭޝްގައި މި މުބާރަތް 3 ފަހަރު މަތިން ވަނީ ބާއްވާފައެވެ. އެއީ 2003 ،2009 އަދި 2018 ވަނަ އަހަރުގައެވެ.

Ad
rt

2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު، ސާފްގެ ފަރާތުން ވަނީ ޕާކިސްތާނުގައި 2021 ވަނަ އަހަރުގެ މުބާރަތް ބޭއްވުމަށް ނިންމާފައެވެ. އެއީ، ފީފާގެ ފަރާތުން އެ ޤައުމަށް ފީފާގެ މެންބަރުކަން އަލުން ދިނުމަށްފަހުގައެވެ. ނަމަވެސް 2019 އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ސާފްގެ ރައީސް ކާޒީ ސަލާހުއްދީން އަދި ޖެނެރަލް ސެކެޓްރީ އަންވަރުލް ޙައްޤު ހެލާލް ބައިވެރިވެ އަދި މެންބަރު 7 ޤައުމުންވެސް އެއްބަސްވެ ވަނީ މި މުބާރާތް 2021 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވުމަށް ނިންމާފައެވެ.

މި މުބާރާތް 2018 ވަނަ އަހަރަށްފަހު ބޭއްވުމަށް ގަސްދުކޮށްފައިވަނީ މިދިޔަ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް، ކޯވިޑް-19 ގެ ބަލިމަޑުކަމާއި އެކު، އެގްޒެކެޓިވް ކޮމިޓީއިން ނިންމާފައިވަނީ މި މުބާރާތް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަސްކުރުމަށެވެ.

ބައިވެރިވާ 7 ޤައުމުން މި މުބާރާތުގައި ކުޅޭ ހުރިހާ މެޗެއްވެސް މި އަހަރު ކުޅުމަށް ހަމަޖެހިފައިވަނީ، ބަންގްލަދޭޝްގެ ރަސްމީ ސްޓޭޑިއަމް ކަމަށްވާ ބަންގަބަންދު ސްޓޭޑިއަމްގައެވެ.

އެންމެ ފަހުން ސާފް ސުޒުކީ ކަޕް ބޭއްވީ ވެސް ބަންގްލަދޭޝްގަ އެވެ. ޑާކާގައި 2018 ވަަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހު ޗެމްޕިއަންކަން ހޯދީ ރާއްޖެ އެވެ. މިއީ ރާއްޖޭން މި މުބާރާތުގެ ތަށި އުފުލާލި ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރީ 2008 ވަނަ އަހަރު އެވެ. އެ ފަހަރު މުބާރާތް ބޭއްވީ ރާއްޖެ އާއި ސްރީ ލަންކާގަ އެވެ.