އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރައްވައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވައި، ފައިރޫޝް ކުރެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ކާމިޔާބަށް ވެސް އެދިވަޑައިގެންނެވި އެވެ.

Ad
rt

ފައިރޫޝް ރިޓަޔާ ކުރެއްވީ ފުލުސް ހިދުމަތުގައި 20 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށް ފަހުގައެވެ. އޭނާ މިއަދު ހިދުމަތުން ރިޓަޔާ ކުރެއްވި އިރު 2017 ވަނަ އަހަރު ފީއެޗްޑީއަށް ކިޔަވައި ވިދާޅުވާން އޮސްޓްރޭލިއާގައި ހުންނަވަނިކޮށް، ފުލުހުންގެ ވަޒީފާއިން ވަކިކުރިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމް ކުރިއެވެ.

ފައިރޫޝް ރިޓަޔާކުރެއްވިއިރު އޭނާ ހުންނެވީ ފުލުހުންގެ ހެޑް އޮފް ރިސޯސް މެނޭޖްމެންޓްގެ މަގާމުގަ އެވެ. ފައިރޫޝް، ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ވަޒީފާއާ ގުޅިވަޑައިގަތީ 1998 ވަނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހެވެ. އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓްވެވަޑައިގެންނެވީ 31 މާޗު 2012 ގަ އެވެ.

ފައިރޫޝް މިއަދު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވިއިރު، ބޮޑެތި އިސްލާޙްތަކަކާއެކު މަޖިލިސްގެ ނިމުނު ދައުރުން ފާސްކުރި ފުލުހުންގެ ޤާނޫނު ރައީސް ޞާލިޙް މިހާރު ވަނީ ތަސްދީގު ކުރަށްވާފައެވެ.