ކޯވިޑަށް ޕޮޒިޓިވްވެ، ހާލުކޮޅު ދެރަވުމުން އެޑްމިޓްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ރިޓަޔާޑް ޖަސްޓިސް މުޖްތާޒް ފަހުމީ އަވަހާރަ ވެއްޖެއެވެ.
އޭނާ އަވަހާރަވީއިރު ކޯވިޑް ބަލީގެ ސަބަބުން ހާލުކޮޅު ދެރަވުމުގެ ސަބަބުން އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.
އުމުރުން 61 އަހަރުގެ މުޖުތާޒް ކޯވިޑަށް ޕޮޒިޓިވްވީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ލ. އަތޮޅަށް ވަޑައިގެން ހޯމް ކަރަންޓީނުގައި ހުންނަވަނިކޮށްކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ހުން އަންނާތީ ކޮވިޑަށް ޓެސްޓުކުރުމުން މިމަހުގެ ތިންވަނަ ދުވަހުއެވެ.
ކޯވިޑަށް ޕޮޒިޓިވް ވުމުން އޭނާ ލ. ގަމު ކޯވިޑް ފެސިލިޓީއަށް ބަދަލު ކުރުމަށްފަހު، އޭނާ މާލެ ގެނެސް، ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އިއްޔެ ހަވީރުއެވެ. އޭނާ މާލެ ގެނެސްފައިވަނީ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ބޭފުޅަކަށްވާތީ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އޭނާ އަވަހާރަވިކަން އޭނާގެ ކޮއްކޮ އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓުވީޓެއްގައި ވަނީ ހާމަކުރަށްވާފައެވެ. އިންތި ވިދާޅުވި ގޮތުގައި މުޖުތާޒް އަވަހާރަވީ ރޭ ދަންވަރު 2:00 ގައި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން މުޖުތާޒް ކުރެއްވީ 18 ސެޕްޓެމްބަރު 2008 އިން ފެށިގެން 10 އޯގަސްޓް 2010 އާ ހަމައަށެވެ. މީގެ އިތުރުން މަދަނީ ކޯޓުގެ އިސް ގާޒީކަން ކުރެއްވުމުގެ އިތުރުން، އިންތިގާލީ މަރުހަލާގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސްކަން ވެސް އޭނާ ކުރެއްވެވިއެވެ. އޭނާ ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވީއެވެ.
ކޯވިޑް ބަލީގައި އެޑްމިޓްކޮށްފައި ވަނިކޮށް މުޖްތާޒް އަވަހާރަވެފައިވާއިރު، ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވިކަމަށް ރަސްމީކޮށް އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނުބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!