ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީ.ސީ.ޖީ ވެކްސިންގެ ޝިޕްމަންޓެއް އިންޑިއާއިން ފޯރުކޮށްދީފިކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.
ފޮރިން މިނިސްޓްރީއިން ބުނީ، ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަކަށް، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބީ.ސީ.ޖީ ވެކްސިންގެ 10 ޑޯޒް ހިމެނޭ 2400 ވައިލްސް އިންޑިއާއިން ފޯރުކޮށްދީފައިވާކަމަށެވެ.
އެގޮތުން މި ވެކްސިންގެ މި ޝިޕްމަންޓް މިއަދު ވަނީ ރާއްޖެ ގެނެވިފައިކަމަށްވެސް އެމިނިސްޓްރީއިންވަނީ ބުނެފައެވެ.
ވައިގެ މަގުން އިންޑިއާގެ މުމްބާއީއިން ކުއްލި ގޮތަކަށް މި ވެކްސިން ޝިޕްމަންޓް ގެނެވިފައިވަނީ އިންޑިއާ ސަރުކާރުގެ އިދާރާތަކާއި، މިނިސްޓްރީ އޮފް ހެލްތު، ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން އަދި އިންޑިއާގެ މުމްބާއީގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ގުޅިގެން ކުރެވުނު މަސައްކަތުންނެވެ.
ދިވެހިރާއްޖެއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައިވެސް އިންޑިއާއިން ފޯރުކޮށްދެއްވާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރާއި، ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރާކަމަށްވެސް ފޮރިންމިނިސްޓްރީއިންވަނީ ބުނެފައެވެ.
މިއަހަރުގެ ޖެނުއަރީ މަހު ދިވެހިރާއްޖެއިން ހިމަބިހި ފެނުމާ ގުޅިގެން ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަކަށް އިންޑިއާއިން 30 ހާސް ޑޯޒްގެ އެމް.އާރް (މީސަލްސް ރުބެއްލާ) ވެކްސިން ރާއްޖެއަށް ފޯރުކޮށްދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!