ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މެޑްރިޑް އަދި ގެޓާފޭ ބައްދަލުކުރި މެޗު އެތުލެޓިކޯއިން ކާމިޔާބު ކުރިއިރު، ރެއާލް މެޑްރިޑާއި އެލްޗޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ކަރެސްކޯ ނަތަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމަށް ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒްއެވެ.

ރެއާލް މެޑްރިޑް ރަށުން ބޭރުގައި އެލްޗޭއާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

މެޗު ފަށައިގެން ރެއާލުން ރަނގަޅު ކުޅުމެއް ދައްކައި އެލްޗޭގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި އިރު 13 ވަނަ މިނެޓުގައި މާސެލޯ ފޮނުވާލި ބޯޅަ އަމާޒު ވެފައިވަނީ ގޯލުގެ ދަނޑިއަށެވެ. އޭގެ ހަތްމިނެޓް ފަހުން އެސެންސިއޯ ފޮނުވާލު ހަމަލާވެސް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު، ރެއާލުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ކޮރޭޝިއާ މިޑްފީލްޑަރ ލޫކާ މޮޑްރިޗެވެ.

ދެވަނަ ހާފު ރެއާލް ކުރީގައި އޮވެގެން ފެށި ނަމަވެސް ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން އެލްޗޭއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ މިޑްފީލްޑަރ ފިޑެލްއެވެ. މިއީ އޭރިއާ ތެރެއިން އެލްޗޭގެ އެންޓޯނިއޯ ބަރަގަންއަށް ރެއާލުގެ ޑެނީ ކާވަހާލް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

ސްޕެނިޝް ލަލީގާގައި ބުދަ ދުވަހުގެ ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު ގްރެނާޑާ އާއި ވެލެންސިއާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ގްރެނާޑާއެވެ. ސެލްޓާވިގޯ އާއި ހުއެސްކާ ބައްދަލު ކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ސެލްޓާވިގޯއެވެ.

އެތުލެޓިކޯ މޮޅުވެ ރެއާލް އެއްވަރު ވުމުން، އެތުލެޓިކޯއަށް ވަނީ ޕޮއިންޓް ތާވަލުގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެތުލެޓިކޯއިން ލީގުގައި ކުޅުނު 14 މެޗުން 35 ޕޮއިންޓް ހޯދާފައިވާއިރު، ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ރެއާލްއަށް ލިބިފައިވަނީ 16 މެޗުން 33 ޕޮއިންޓެވެ.