ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްވެރިކަމޭ ބުނާ ހިސާބުން ބޮޑުކަންނެލީގެ މަސްވެރިކަމުގެ މަތިން ހަނދާންނެތުން ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ)ގެ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރަށްވާފައިވާ، ނާޒިމް މިހެން ވިދާޅުވީ ރޭ ސަންގު ޓީވީން ގެނެސްދިން ''ޚަބަރަށްފަހު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ނާޒިމް ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްވެރިކަމޭ ބުނާ ހިސާބުން ބޮޑުކަންނެލީގެ މަސްވެރިކަމުގެ މަތިން ހަނދާންނެތުން ކަމަށާއި، ''ހަމަ ދާނީ ދޮށްޓަށް'' ކަމަށެވެ.

އޭނާ ވިދާޅުވީ، އޭނާއަށް މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުންނާއި، ފިޝަރީޒް މިނިސްޓްރީންނާއި އަދި މިފްކޯއިން ވެސް އާންމު ކުރައްވަމުން ގެންދަވަނީ ދޮށީގެ މަސްވެރިކަމުގެ ތަފާސް ހިސާބު ކަމަށެވެ.

''އަޅުގަނޑު ޤަބޫލު ކުރާގޮތުގައި ބޮޑު ކަންނެލީގެ މަސްވެރިކަމަކީ ވެސް ދޮށީގެ މަސްވެރިކަމާއި އެއް ހަމައެއްގައި އޮތް ސިނާއަތެއް، އެހެންވީމައި މިކަމުގައި އަޅުގަނޑުމެނަށް އެންމެ އެކަށީގެންވާ ގޮތަށް ޤަބޫލު ކުރަނީ އެހީތެރިކަމެއް ސަރުކާރުން ވެސް، މިނިސްޓްރީގެ ފަރާތުން ވެސް ނުލިބޭކަން، މިސާލަކަށް މަސްވެރިކަމަށް 4 ސަތޭކަ މިލިއަން ރުފިޔާގެ ބަޖެޓެއް މިއަންނަ އަހަރަށް ކަނޑައަޅާފައި އޮތްއިރު ބޮޑުކަންނެލީގެ މަސްވެރިކަމަށް އަޅުގަނޑު ބުނާނީ ހަމަ ސުމެކޭ އޮތީ''

ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިން މަސްކިރާނެ އިތުރު ފެކްޓަރީއެއް ނުވަތަ ފަރާތެއް އިތުރު ނުވާ ކަމަށާއި، އެހެން ނަމަވެސް އަމިއްލަ ކުންފުނިތަކުން ކަންނެލި ގަނެ، އައިސް ފޯރުކޮށް ދެމުން ދާކަމަށެވެ.

ބޮޑުކަންނެލީގެ މަސްވެރިކަން ކުޑަވަމުން އަންނަ ކަމަށް ވާހަކަ ދެކެވޭ އަޑު އިވޭ ކަމަށާއި، އެހެން އެކަން މެދުވެރިވަނީ އެ ސިނާއަތްފުޅާކޮށް، ދަމަހައްޓަން އެކަށޭނަ މަސައްކަތް ނުކުރެވޭތީކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޯވިޑްގެ ސަބަބުން އެ ސިނާއަތުގައި މަސައްކަތްކުރި އެތައް ދޯންޏެއް ދޮށީގެ މަސްވެރިކަމަށް އެނބުރިފައިވާ ކަމަށެވެ.

މިގޮތުން މިސާލެއްގޮތުން އޭނާ ވިދާޅުވީ، ވައިކަރަދޫން ބޮޑުކަންނެލީގެ މަސްވެރިކަން ކުރަމުންއައި 50 އިންސައްތަ އަދި އިހަވަންދޫން 90 އިންސައްތަ ދޯނި މިހާރު ދޮށީގެ މަސްވެރިކަމަށް ބަދަލުވެފައި ވާކަމަށެވެ. ސަބަބަކީ ޚަރަދު ސަލާމަތް ނުވުން ކަމަށާއި، ބޮޑުކަންނެލީގެ މަސްވެރިކަމަކީ ދެތިން ބާވަތެއްގެ އެން ހިފައިގެން 10 ވަރަކަށް ދުވަހު ކަނޑުމަތީ ތިބެ ކުރާ މަސްވެރިކަމެއްކަމުން ދަތުރަކަށް 50-80 ހާހާދެމެދު ރުފިޔާ ޚަރަދުވުން ކަމަށެވެ. މި ޚަރަދުކުރާއިރު ކަންނެލި ކިލޯއެއް 50 ރުފިޔާއަށް ނުވިކެންޏާ ޚަރަދު ސަލާމަތްވާނެ ގޮތެއް ނޯންނަކަމަށް އޭނާ ވިދާޅުވިއެވެ. ދެން އޮތީ ހަމައަގުގެ ވާހަކަ ކަމަށާއި، ''ހަމަ އަގަކީ އެއްވެސް ބަޔެއް ދަންނަ އެއްޗެއް ނޫން''ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބީ.ކޭ.އެމް.ޔޫ ނައިބު ރައީސް، އިމްރާން މުޙައްމަދު ވިދާޅުވީ އެ ޔޫނިއަން ވުޖޫދު ކުރަން ޖެހުނީވެސް ބޮޑުކަންނެލީގެ މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ގިނަކަމުން ކަމަށެވެ.

''ކޯވިޑްގެ ކުރިންވެސް ގޮންޖެހުންތައް ގިނަ، މި މަސްވެރިކަމަކީ ބޮޑެތި އިންވެސްޓްމަންޓްތައްކޮށް، އެތައް ފައިސާއެއް ޚަރަދުކޮށްގެން ބޮޑެތި ދޯނިފަހަރު ބަނދެ ބާލައިގެން ކުރާ މަސްވެރިކަމެއް، ދިހަވަރަކަށް ދުވަހު ރޭންޖް ވެސް ނުލިބޭ ހިސާބުގައި އަނބިދަރިންނާއި ވެސް ގުޅާނުލެވި ތިބެ ކުރާ މަސައްކަތެއްމީ، އެހެންނަމަވެސް ކުރާ މަސައްކަތާއި އެކަށޭނަ ފައިސާ ނުލިބި ބޮޑުކަންނެލީގެ މަސްވެރިންނާއި، ބޮޑުކަންނެލީގެ މަސްވެރި ޢާއިލާތައް ދަނީ ބިކަވަމުން''

ޢިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިހާރު ކޯވިޑްގެ ހާލަތޭ ބުނެވިދާނެ ކަމަށާއި، ނަމަވެސް ކޯވިޑްގެ ހާލަތުގެ ކުރީންވެސް ކަންކަންހުރީ އެހެން ކަމަށެވެ. މިގޮތުން ބާނާ ކަންނެލިކޮޅު ހިފައިގެން އައިސް ކިރާފައި ލިބޭ ފައިސާއިން ދަތުރުގެ ޚަރަދު ކަނޑާފައި އަނބިދަރިންކައިރިއަށް ގެންދާނެ އެކަށީގެންވާ ފައިސާއެއް ނެތުމަކީ އެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުންކަން އިމްރާން ފާހަގަ ކުރެއްވިއެވެ.