ކުރީގެ ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް، އަޙްމަދު ޝިޔާމްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކޮށްފި އެވެ.

މިއަދު ޕީޖީ އޮފީހުން ވިދާޅުވީ، ޖެނެރަލް ޝިޔާމް މަގާމުގައި ހުންނެވި އިރު ސިފައިންގެ ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި 1 އަހަރާއި 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް، އޭނާގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި އެނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި މައްސަލާގައި އޭނާއަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަަމަށެވެ.

Ad
rt

އެ މައްސަލާގައި ޝިޔާމްގެ މައްޗަށް ދަޢުވާ ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

އަޙްމަދު ޝިޔާމްގެ މައްޗަށް ދަޢުވާކުރުމަށް އޭސީސީން ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލާގައި އެކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތައް ބަޔާންކޮށް ނެރުނު ބަޔާނުގައި ފާހަގަކުރިން ކަންތައްތަކުގެ ތެރޭގައި، އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، އެމް.އެން.ޑީ.އެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރޓޑ) އަޙްމަދު ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާކަމަށް ވަނީ ބުނެފައެވެ.

އެގޮތުން، އެމް.އެން.ޑީ.އެފްގެ މަރުކަޒެއްކަމަށްވާ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި މީހުން ބޭތިއްބުމުގައި ޢަމަލުކުރާނެ ވަކި ޚާއްސަ އުޞޫލެއް ނެތްނަމަވެސް، އެމް.އާރު.ސީ.ސީގެ ޢިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމް.އާރު.ސީ.ސީއަށް ހިނގާ އުޞޫލު އެތަނުގެ ވީ.އައި.ޕީ ގެއަށްވެސް ހިނގާނެކަން ފާހަގަކުރާކަމަށާއި، އެމް.އާރު.ސީ.ސީގައި އާންމުންނަށް ދިރިނޫޅެވޭ އުޞޫލުން ވީ.އައި.ޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭކަމަށެވެ.

ވީ.އައި.ޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ޚިދުމަތްތަކަށް އަންނަ ޚާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދަޢުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ތަނެއްގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން، މަޤާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަޞީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދަޢުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ ޢަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫނެވެ.

އެކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން އެކޮމިޝަނުން ބުނެފައިވަނީ، އެ ޢަމަލަކީ ދަޢުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަޤާމު ބޭނުންކޮށްގެން ދަޢުލަތުން ޚަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ ޢަމަލެއްކަން ފާހަގަކުރާކަމަށެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން އަހުމަދު ޝިޔާމް ވަކިކުރެއްވީ މީގެ ދެއަހަރު ކުރިން މިސަރުކާރުން ހުވާކުރެއްވިތާ މަހެއް ފަހުންނެވެ.

ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ޝިޔާމް އައްޔަން ކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ ނުވަ ވަނަ ދުވަހުއެވެ.